ވިޔަފާރި

ބޭންކިންގ އެންޑް ފައިނޭންސުން މަތީ ތަޢުލީމު ހާސިލްކުރުމަށް "ބީއެމްއެލް ރިވެލި"


ބޭންކިންގ އެންޑް ފައިނޭންސްގެ ދާއިރާއިން މަތީ ތަޢުލީމް ހާސިލްކުރުމަށް ބޭނުންވާ މީހުނަށް "ބީއެމްއެމްއެލް ރިވެލި" ނަމުގައި ޚާއްސަ ޕްރޮގްރާމެއް ބޭންކް އޮފް މޯލްޑިވްސް އިން ތަޢާރަފްކޮށްފިއެވެ.

"ބީއެމްއެލް ރިވެލި" ޕްރޮގްރާމަކީ ޒުވާނުންނަށާއި އަދި ބޭންކިންގ ދާއިރާއިން ކުރިށްދާން ބޭނުންވާ މީހުނަށް އެ ދާއިރާއިން ކުރިއަށް ދިޔުމަށް ބޭނުންވާ ތަޢުލީމާއި ހުނަރު ދަސްކޮށްދީ އަދި ރާއްޖޭގެ ބޭންކިންގ ދާއިރާއަށް ބޭނުންވާ ތައުލީމީ ގާބިލް ޒުވާނުން އުފެއްދުމުގެ މަޤްސަދުގައި ތަޢާރަފްކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބީއެމްއެލްގެ މުވައްޒަފުންނަށާއި އަދި އާންމުނަށް ބައިވެރިވެވޭނެއެވެ.

"ބީއެމްއެލް ރިވެލި" ޕްރޮގްރާމު ތައްޔާރުކޮށްފައިވަނީ ވިލާ ކޮލެޖާއި ބޭންކް އޮފް މޯލްޑިވްސް އަދި މަރުކަޒީ ބޭންކް، އެމްއެމްއޭގެ އިރުޝާދުގެ މަތިންނެވެ. މި ޕްރޮގްރާމުގެ ދަށުން ވިލާ ކޮލެޖާއި ގުޅިގެން "ޑިޕްލޮމާ އިން ބޭންކިންގ އެންޑް ފައިނޭންސް"ގެ ކޯހެއް ހިންގުމަށް ހަމަޖެހިފައިވާއިރު މިކަމަށްޓަކައި ވިލާ ކޮލެޖާއި ބީއެމްއެލްއާއި ދެމެދު ވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ.

މި އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފެވެ. އަދި ވިލާ ކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ ކޮލެޖްގެ ރެކްޓަރ އަހުމަދު އަންވަރެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ބޭންކިންގގެ ދާއިރާއަކީ އަބަދުވެސް ތަރައްޤީވެ ބަދަލުވަމުން އަންނަ ދާއިރާއެއް ކަމަށެވެ. އެހެންކަމުން އަންނަ ބަދަލުތަކަށް މުވައްޒަފުން ފަރިތަވެފައިވުމަކީ ވަރަށް މުހިއްމުކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ބީއެމްއެލްގެ އަމާޒަކީ ޤާބިލު މަސައްކަތްތެރި މުވައްޒަފުންތަކެއް އުފެއްދުންކަމަށެވެ. އަދި "ބީއެމްއެލް ރިވެލި" ޕްރޮގްރާމާއިއެކު މިދާއިރާއިން ކުރިއަށްދާން ބޭނުންވާ މީހުނަށް މިކަމާއި ގުޅޭ ތަމްރީނު ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ވިލާ ކޮލެޖްގެ ރެކްޓަރ އަހްމަދު އަންވަރު ވިދާޅުވީ، ބޭންކިންގ ގެ ދާއިރާއަށް ޒުވާނުން ބިނާކުރުމަށް ބީއެމްއެލްއިން ކުރާ މަސައްކަތްތަކަށް ވިލާ ކޮލެޖުން އަބަދުވެސް އެއްބާރުލުންދޭނެކަމަށެވެ. ވިލާ ކޮލެޖްގެ ވަސީލަތްތައް މެދުވެރިކޮށް މިފަދަ ޕްރޮގްރާމެއް ކުރިއަށްގެންދިއުމަކީ ވިލާ ކޮލެޖަށް ލިބޭ އުފަލެއްކަމަށް ވެސް އަންވަރު ވިދާޅުވިއެވެ.
ބީއެމްއެލް ރިވެލި ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ޑިޕްލޮމާ އިން ބޭންކިންގ އެންޑް ފައިނޭންސް" މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވުކޮށްފައިވާ ކޯހެއްކަމަށް ބީއެމްއެލްއިން ބުނެއެވެ. އެއް އަހަރު ދުވަހަށް މި ކޯސް ކުރިއަށްގެންދާއިރު ކޯހުގައި ބޭންކިންގ ދާއިރާގައި ތަޖުރިބާހުރި ބީއެމްއެލްގެ މުވައްޒަފުން ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައިވެއެވެ.

އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ކޯޕަރޭޓްތަކަށް ރާއްޖޭގައި އެންމެ ފުޅާކޮށް މާލީ ޚިދުމަތް ފޯރުކޮށްދޭ ބޭންކް އޮފް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާއެވެ. އަދި ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގައި އެންމެ ފުރަތަމަ ބޭންކިންގގެ ޙިދުމަތްދޭން ފެށި ބޭންކެވެ.