ވިޔަފާރި

ހޮޓެލް ގަންނަން ޝައުޤުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވަނީ 5 ފަރާތެއްގެ - އެސްޓީއޯ


އެސްޓީއޯ އިން ހުޅުމާލޭގައި ތަރައްގީކުރަމުން ދިޔަ ހޮޓާ ގަންނަން 10 ފަރާތަކުން ޝައުގުވެރިކަން ފާޅުކުރިނަމަވެސް، ޝަރުތުހަމަވަނީ 5 ކުންފުންޏަކުންކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެސްޓީއޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ވިދާޅުވީ 10 ކުންފުނިން މިކަމަށް ޝައުޤުވެރިކަން ފާޅުކުރިނަމަވެސް ރިކުއެސްޓް ފޯ ޕްރޮޕޯޒަލް (އާރުއެފްޕީ) ގެ ޕްރޮސެސްގެ ތެރޭގައި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށައަޅާފައިވަނީ 5 ކުންފުންޏަކުން ކަމަށެވެ. އެސްޓީއޯއިން އެ 5 ކުންފުންޏާއިއެކު ވާހަކަދައްކަމުންދާކަމަށް އެ ކުންފުނިން ބުނެއެވެ. މި 5 ކުންފުނީގެ ތެރެއިން 4 ކުންފުންޏަކީ ރާއްޖެއިން ބޭރުގެ ކުންފުނިތަކެވެ.

ބިޑު ހުށަހެޅުމުގެ ފުރުސަތު މި 5 ކުންފުންޏަށް ހުޅުވާލާވިފައިވާއިރު، އެ މަސައްކަތް ކުރިއަށްދާނީ މާޗު މަހުގެ ތެރޭގައިކަމަށް އެސްޓީއޯއިން ބުނެއެވެ.

ސްޓީއޯއިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ މި ހޮޓަލަކީ މިއީ އަށް ބުރީގެ ތަނެކެވެ. މިތަނުގައި ޖުމްލަ 250 ކޮޓަރި ހުންނާނެއެވެ. އެސްޓީއޯއިން މި ހޮޓަލުގެ މަސައްކަތް ފަށާފައިވަނީ، 2011 ވަނަ އަހަރު އެވެ.