ޚަބަރު

ބޯންމެރޯ ހަދާ 5 ކުދިންނާ ހެލްތް މިނިސްޓަރ ބައްދަލުކުރައްވައިފި


ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ފުރާ ކުދިންނާ ހެލްތް މިނިސްޓާރ ޢަބްދުﷲ އަމީން ބައްދަލު ކުރައްވައިފިއެވެ.

ހެލްތް މިނިސްޓްރީގެ ކޮންފަރެންސް ހޯލްގައި ބޭއްވި މި ބައްދަލުވުމުގައި ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ފުރާ 5 ކުދިންނާއި، އެކުދިންގެ ބެލެނިވެރިންނާ މިނިސްޓަރ ވަނީ ބައްދަލުކުރައްވާފައެވެ. މި 5 ކުދިންވެސް ބޯންމެރޯ ހެދުމަށް އިންޑިއާއަށް ފުރުމަށް ހަމަޖެހިފަިއވަނީ މާދަމާ މެންދުރުއެވެ. އަދި މިކުދިންގެ ބޯންމެރޯ ހެދުމަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް ޒަކާތު ފަންޑުން ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ބޯންމެރޯ ހެދުމަށް ކޮންމެ ކުއްޖަކަށް މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރ އަމީން ވިދާޅުވީ ކުރީ އަހަރު ތަކުގައިވެސް ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދިކުދިންގެ ފަރުވާގެ ކަންކަން ކާމިޔާބުކަމަށާއި، މިފަހަރުވެސް ކާމިޔާބްކަމާއިއެކު ނިންމަލެވޭނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ.

ރާއްޖޭގައި ތެލެސީމިއާ ބަލި ހުރި 900 އެއްހާ މީހުން ރަޖިސްޓްރީކޮށްފައިވެއެވެ.