ތަޢުލީމު

10 ރަށެއްގައި ޓީޗަރުންނަށް ވީޑިއޯ ކޮންފަރެންސް ބޭނުންކުރެވޭނެ-


މާލެއާއެކު ރާއްޖޭގެ އިތުރު ދިހަ ރަށެއްގައި  ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ތައުލީމީދާއިރާގެ މައުލޫމާތު ޓީޗަރުންނާ ހިއްސާ ކުރެވޭނެ އިންތިޒާމް އެޑިއުކޭޝަން މިނިސްޓްރީން އިފްތިތާހްކޮށްފިއެވެ.މިކަމައްޓަކައި ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޑޫއޭވީ އަދި އައިޑިއާ އާއި ގުޅިގެން ތައާރަފްކުރި މި ވީޑިއޯ ކޮންފަރެންސިންގްއާ ބަހޭގޮތުން އަދި ޚިދުމަތް ބޭނުން ކުރެވިދާނެ ތަފާތު ގޮތްތަކަށް އަލިއަޅުއްވާ މައުލޫމާތުދެއްވީ ލައިފް ސައިޒްގެ އިންޓަނޭޝަނަލް ވައިސް ޕްރެޒިޑެންޓް އެންޑްރޫ ވިނޯލްޑްއެވެ.މީގެ އިތުރުން  އެންޑްރޫވަނީ މިޖަލްސާގެ ހުރިހާ ބައިވެރިން ވީޑިއޯ ކޮންފަރެންސެއްގައި ބައިވެރިކޮށް ވީޑިއޯއެއް ކުރާނެ ގޮތުގެ މިސާލު ވެސް ދައްކާލާފައެވެ.ލައިފްސައިޒް ކުންފުންޏަކީ ޓެކްނޮލޮޖީގެ ގޮތުން ފުޅާ ދާއިރާއެއްގައި ދުނިޔޭގެ އެކި ހިސާބުތަކުގައި އެކުންފުނީގެ ވިޔަފާރި ކުރަމުންދާ ކުންފެންޏެކެވެ.މިރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، މިއީ ރާއްޖޭގެ ސްކޫލްތައް އެއް ނެޓްވޯރކް އަކުން ގުޅާލުމުގެ މަސައްކަތުގެ 3 މަރުހަލާގެ ތެރެއިން ފުރަތަމަ މަރުހަލާކަމަށާއި،  މާލެއާއި އަތޮޅުތަކުގެ ސްކޫލްތަކަށް މުޅީން އަލަށް ތައާރަފް ކުރެވިގެންދާ މިޚިދުމަތާއެކު ރާއްޖޭގެ ތައުލީމީ ނިޒާމް، މުޅީން ތަފާތު ފެންވަރަކަށް ބަދަލްވެގެންދާނެކަމަށެވެ.މި ވީޑިއޯ ކޮންފަރެންސިންގ ނިޒާމް ގާއިމްކުރުމުގައި ރާއްޖޭގެ ފަރާތުން މެދުވެރިޔެއްގެ ބައިއަދާކުރާ ޑޫއޭވީގެ ސިސްޓަމް އިންޓަރ ގްރޭޓަރ ސޮފްވާން އަހްމަދު ބުނީ، އަންނަ އޭޕްރީލް މަހުގެ ތެރޭގައި ޚިދުމަތް ބޭނުންކުރެވޭވަރުވާނެކަމަށާއި، މިހަފްތާތެރޭގައި ވީޑިއޯ ކޮންފަރެންސިންގގެ މައި މަރުކަޒުކަމުގައިވާ މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ސިސްޓަމް އިންސްޓޯލްކުރުމުގެ މަސައްކަތް ނިމޭނެކަމަށެވެ.އެއްފަހަރާ 25 ތަނަކުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުޅާލެވޭ މި ޚިދުމަތާއެކު ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ބޭނުންވާ އިންސާނީ ވަސީލަތް ބިނާކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.