ވިޔަފާރި

"ބިޒްނަސް ކޮންވެންޝަން" އަށް ހިޔާލު ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލައިފި


އިކޮނޮމިކް މިނިސްޓްރީން ބާއްވާ "ބިޒްނަސް ކޮންވެންޝަން" އަށް ޚިޔާލު ފާޅުކުރުމަށް، އެކި ދާއިރާތަކުން ވިޔަފާރިއާއި ބެހޭ ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިމަހުގެ 26 އިން 27 އަށް ދަރުބާރުގޭގައި ބާއްވާ "ބިޒްނަސް ކޮންވެންޝަން" އަކީ ވިޔަފާރިވެރިންނަށް ހުރި ދަތިތައް ދެނެގަތުމަށްޓަކައި މުޅި ރާއްޖެ ޝާމިލްވާ ގޮތައް ބާއްވާ ޙާއްސަ ބައްދަލުވުމެކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ވިޔަފާރިއާއި ގުޅުންހުރި ސިޔާސަތުކަތާއި ޙިދުމަތްތަކާއި މެދު ހިޔާލުފާޅުކުރުމަށް ކަރުދާސް ހުށަހެޅުމުގެ ފުރުސަތު މާދަމާ މެންދުރު 13:00 ޖެހުމާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ.

ކަރުދާސް ހުށަހެޅޭނެ ދާއިރާތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޓެކްސްގެ ނިޒާމާއި، އަންހެން ވިޔަފާރިވެރިންނާއި، ދަނޑުވެރިކަމުގެ ދާއިރާއާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ އިތުރުން މަސައްކަތްތެރިންނާއި އިޤްތިޞާދު، އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ދާއިރާ ތަރައްޤީކުރުމުގެ އިތުރުން ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމަށް ޤައުމީ ފެންވަރުގައި ކުރެވިދާނެ ކަންތައްތައް ހިމެނެއެވެ.

މި ބައްދަލުވުން ވެގެންދާނީ ވިޔަފާރިވެރިން އެއްތަނަކަށްގެނެސް އެމީހުންގެ ޙިޔާލާއި، ކަންބޮޑުވުން އޮޅުންފިލުވައި ސަރުކާރަށް ހައްލުކޮށްދެވެން ހުރި ކަންކަން ދެނެގަނެ އެކަންކަން ހައްލުކޮށްދިނުމަށް ބޭއްވިގެންދާ ބައްދަލުވުމަކަށް ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޞު އިސްމާއިލް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ވިޔަފާރި ޖަމިއްޔާތައް ބައިވެރިވާއިރު ރަށު ކައުންސިލްތަކަށްވެސް ރަށްރަށުގެ ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ހުށަހެޅުމުގެ ފުރުސަތު ދިނުމަށްވަނީ ހަމަޖެހިފައެވެ.