ތަޢުލީމު

"ޤަޢުމީ މަންހަޖް މުރާޖާޢު ކުރުމުގެ މަޙާސިންތާ" މިމަހުގެ 23 ވަނަ ދުވަހު ފަށަނީ


ނެޝަނަލް އިންސްޓިޓިއުޝަން އޮފް އެޑިޔުކޭޝަން، އެން.އައި.އީއިން ސްކޫލްތަކުގެ އިސްވެރިންނަށް މަހާސިންތާއެއް ބާއްވަން ނިންމައިފިއެވެ.

"ޤަޢުމީ މަންހަޖް މުރާޖާޢު ކުރުމުގެ މަޙާސިންތާ" މި ނަމުގައި ދެދުވަހުގެ މުއްދަތައް ބާއްވާ މި މަޙާސިންތާ ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހު ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމްގައެވެ. މި މަޙާސިންތާ އިފްތިތާޙް ކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޢިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެން.އައި.އީގެ އެޑިޔުކޭޝަން ޑިވަލޮޕްމެންޓް އޮފިސަރ ކޯރޑިނޭޓަރ އަޙްމަދު ރަފީޢު ވިދާޅުވީ މި މަޙާސިންތާ އަކީ 2015 ވަނަ އަހަރު ތަންފީޒު ކުރަންފެށި އާ މަންހަޖަށް ކިޔަވައިދިނުމާ ގުޅޭގޮތުން ކުރިމަތިވާ ގޮންޖެހުންތަކާމެދު މަޝްވަރާ ކުރުމަށް ބާއްވާ މަހާސިންތާއެއް ކަމަށެވެ.

މި މަޙާސިންތާގައި އެކި އަތޮޅުތަކުގެ ސްކޫލް ތަކުގެ އިސްވެރިންނާއި މާލޭގެ ސްކޫލްތަކުގެ އިސްވެރިން ބައިވެރިވާނެ ކަމަށްވެސް އެންއައިއީ މަޢުލޫމާތުދެއްވައެވެ.

ތަޢުލީމީ އާ މަންހަޖު އެންމެ އެކަށީގެންވާ ގޮތުގައި ތަންފީޒް ކުރުމަށްޓަކައި ތަޢުލީމީ ދާއިރާއާ ގުޅުންހުރި އެކި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ނެޝަނަލް ކަރިކިއުލަމް ސިމްޕޯސިއަމްއާއި ރީޖަނަލް ސިމްޕޯޒިއަމްތައް މިއަހަރުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަން އެޑިއުކޭޝަން މިނިސްޓްރީންވެސް ވަނީ ވިދާޅުވެފައެވެ.