ސިޔާސީ

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ ސަޢޫދީ އަރަބިއްޔާއަށް


ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު، ސަޢުދީ ޢަރަބިއްޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފިއެވެ.

މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅުގައި ސަޢޫދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓަރ ޑރ. އިބްރާހިމް ބިން ޢަބްދުލްއަޒީޒް އަލްއައްސަފްއާއި، ސަޢޫދީ ސަރުކާރުގެ އެހެނިހެން އިސްވެރިންނާއި ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާއި ދެމެދުއޮތް ގާތް އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކޮށް، ދިވެހިރާއްޖޭގެ ތަރައްޤީއަށް ސަޢޫދީ ޢަރަބިއްޔާއަށް ވެދެވޭނެ އެހީތަކާ ބެހޭގޮތުންވެސް މިދަތުރުފުޅުގައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މި ދަތުރުފުޅަކީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، ވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރައީސް އޮފީހުގެ ޕޮލިސީ ސެކެޓްރީ އާމިނަތު ޝައުނާއާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކެޓްރީ އަހުމަދު ޝިއާންގެ އިތުރުން ޚާރިޖީ ވުޒާރާގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.