ޚަބަރު

ބަލައިނުގަތް ފޮނުވާލި ފޯމްތަކުގެ ތެރެއިން ފަސް ފޯމެއް އެމްޑީޕީން އަލުން ހުށަހަޅައިފި


މަޖިލިސް އިންތިޚާބަށް ކުރިމަތިލުމަށް އެމްޑީޕީގެ ފަރާތުން ހުށަހެޅި ފޯމްތަކުގެ ތެރެއިން ބަލައިނުގަތް ފޯމްތަކުގެ ތެރެއިން ފަސް ފޯމެއް އިސްލާޙްކުރުމަށްފަހު އިލެކްޝަންސް ކޮމިޝަނަށް އަލުން ހުށަޅައިފިއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ހުށަހެޅި 86 ފޯމްގެ ތެރެއިން 10 ފޯމެއް ބަލައިނުގަންނަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ ފުރިހަމަ ކުރަން ޖެހޭ ބައެއް މަޢުލޫމާތު ފުރިހަމަ ނުވާތީ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

އެމްޑީޕީ ހަރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އެޕާޓީގެ ފަރާތުން މަޖިލިސް އިންތިޚާބުގެ ކެމްޕެއިންގެ ސްޕޯކްސް ޕާސަން އަފްޝަން ލަތީފް ވިދާޅުވީ، އީ.ސީން ބަލައިނުގަތް 10 ފޯމްގެ ތެރެއިން 5 ފޯމްގެ މައުލޫމާތު ފުރިހަމަ ކުރުމަށްފަހު މިހާރު ހުށައަޅާފައިވާކަމަށެވެ. އަފްޝަން ވިދާޅުވީ ވަރަށް އަވަހަށް ދެން ހުރި ފޯމްތައްވެސް ފުރިހަމަކުރުމަށްފަހު ކޮމިޝަނަށް ހުށައަޅާނެކަމަށެވެ.

އެޕްރީލް މަހުގެ 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން 86 ދާއިރާއަކަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވީ މިމަހުގެ ހަވަނަ ދުވަހުގައެވެ.

އިންތިޚާބު ތަކާ ގުޅޭ ޤާނޫނުގައި ބުނެފައި ވަނީ މަޖިލިސް އިންތިޚާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ފޯމް އީސީއަށް ހުށަހަޅާތާ 48 ގަޑިއިރު ތެރޭގައި އެ ފޯމްގެ ސައްހަކަން ކަށަވަރުކުރުމާއެކު އެފަރާތަށް އެކަން އަންގަންޖެހޭނެ ކަމަށެވެ.

އަންނަ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު އީސީން ވަނީ ހުޅުވާލާފައެވެ. އެމްޑީޕީ ފިޔަވާ އަދި އެއްވެސް ޕާޓީއަކުން މަޖިލިސް އިންތިޚާބުގައި ވާދަ ކުރުމަށް އީސީއަށް ފޯމް ހުށަހަޅާފައެއް ނުވެއެވެ.