ޚަބަރު

ސޫރިޔާގެ ރެފިއުޖީން ވަޒަނަށް އެނބުރިދާން އެދޭނޭފަދަ މާޙައުލެއް ސޫރިޔާގައި ޤާއިމުކުރުމަށް ގޮވާލައިފި


ދެހާސް އެގާރަ ވަނަ އަހަރުއްސުރެ ސޫރިޔާގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެ ޤައުމު ދޫކޮށް އަވަށްޓެރި ޤައުމުތަކަށް ހިޖުރަކޮށްފައިވާ ސޫރިޔާގެ ރެފިއުޖީން، ޤައުމަށް އެނބުރި ދާން ބޭނުންވާނެ ފަދަ މާޙައުލެއް އެ ޤައުމުގައި ޤާއިމްކުރުމަށް ލުބުނާނުގެ ސަރުކާރުން ސޫރިޔާއަށް ގޮވާލައިފިއެވެ.

ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ލުބުނާނުގެ ޚާރިޖީ ވަޒީރު ޖިބްރާން ބަސީލް ވިދާޅުވީ، ސޫރިޔާގެ ރެފިއުޖީންނަށް ފަހި މާހައުލެއް ސޫރިޔާގައި ޤާއިމުކުރުމަށް ސޫރިޔާގެ ސަރުކާރަށް ގިނަގުނަ ފިޔަވަޅުތަކެއް އެޅިދާނެކަމަށެވެ. އެ ގޮތުން، ސޫރިޔާގެ ރެފިއުޖީންނަށް އެ ޤައުމުގައި ބިން މިލްކުކުރުމުގެ ހައްޤު ކަށަވަރުކޮށްދިނުމާއި އަސްކަރިއްޔާގައި ޚިދުމަތްކުރުމުގެ ފުރުސަތު ރެފިއުޖީންނަށް ދިނުން މީގެ ތެރޭގައި ހިމެނޭކަމަށް ބަސީލް ވިދާޅުވިއެވެ.

ލުބުނާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، ރެފިއުޖީން ސޫރިޔާއަށް އެނބުރިދާ މިންވަރު ކުރިއަށް އޮތްތަނުގައި އިތުރުވެ ސޫރިޔާގެ ސަރުކާރުން މިކަމަށް އިތުރަށް މަގުފަހިކޮށްދޭނެކަމަށް ލުބުނާނުން އުއްމީދުކުރާކަމަށެވެ. ސޫރިޔާގެ ހަނގުރާމައިގެ ސަބަބުން އެ ޤައުމުގެ ބާވިސް މިލިއަން މީހުންގެ އާބާދީގެ ދެ ބައިކުޅަ އެއްބައި މިހާރު ވަނީ ހާލުގައި ޖެހިފައެވެ.

މީގެ ތެރެއިން ފަސް މިލިއަން މީހުން ވަނީ އަވަށްޓެރި ޤައުމުތަކަށް ހިޖުރަކޮށްފައެވެ. އެންމެ ގިނަ ރެފިއުޖީން ހިޖުރަކޮށްފައިވަނީ ލުބުނާނު، ތުރުކީވިލާތް އަދި އުރުދުންއަށެވެ.