ވިޔަފާރި

ބޭންކް އޮފް މޯލްޑިވްސްގެ ފުރަތަމަ ބިޒްނަސް ސެންޓަރު އައްޑޫސިޓީގައި ހުޅުވައިފި


ދިވެހި ޤައުމީ ބޭންކްގެ ފުރަތަމަ ބިޒްނަސް ސެންޓަރު އައްޑޫސިޓީގައި ހުޅުވައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން އައްޑޫސިޓީގައި ޤާއިމްކުރި މި ބިޒްނަސް ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވީ، އެކަމަށްޓަކައި ބީއެމްއެލްގެ ހިތަދޫ ބްރާންޗުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން އަދި އައްޑޫސިޓީގެ މޭޔަރު ޢަބްދުﷲ ސޯދިގު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ، ބީއެމްއެލްގެ ފުރަތަމަ ބިޒްނަސް ސެންޓަރެއް އައްޑޫގައި ހުޅުވިގެންދިޔައިރު، އައްޑޫސިޓީއަކީ އެ ބޭންކުން އެންމެބޮޑު އިންވެސްޓްމަންޓެއް ކުރަމުންދާ ސިޓީކަމަށެވެ. ބީއެމްއެލްގެ ދެވަނަ ބްރާންޗެއް ހުޅުވީ އައްޑޫގައިކަން ފާހަގަކުރައްވަމުން އައިޝަތު ނޫރައްދީން ވިދާޅުވީ، އައްޑޫސިޓީގައި މިހާތަނަށް ބީއެމްއެލްގެ ތިން ބްރާންޗް އަދި އަށް އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް ބޭންކްގެ ޙިދުމަތްތައް ދެމުން އަންނަކަމަށެވެ.
އޭނާ ވިދާޅުވީ، މިއަހަރުގެ ތެރޭގައި މާލެ، ހުޅުމާލެ އަދި ކުޅުދުއްފުށީގައިވެސް މިފަދަ ބިޒްނަސް ސެންޓަރުތަކެއް ހުޅުވުމަށް ބޭންކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އައިޝަތު ނޫރައްދީން ވިދާޅުވީ، ބީއެމްއެލްގެ ވިސްނުމަކީ އެބޭންކުން ދޭ ޙިދުމަތްތައް އެއް މަރުކަޒަކުން ދިނުންކަމަށާއި، މިގޮތުން ބިޒްނަސް ސެންޓަރު މެދުވެރިކޮށް ލޯނަށް އެދުމާއި އެކައުންޓް ހުޅުވުމުގެ އިތުރުން ވިޔަފާރިތަކާއިގުޅޭ މައުލޫމާތު ލިބިގެންދާނޭކަމަށެވެ.

މި ރަސްމިއްޔާތުގައި ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ އައިޝަތް ނޫރައްދީން، ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރު އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފުގެ އިތުރަށް އައްޑޫސިޓީ ކައުންސިލްގެ މޭޔަރ އަބްދުﷲ ސާދިގް ބައިވެރިވެ ވަޑައިގެންނެވި އެވެ.