ޚަބަރު

އީރާނަށް ގެނައި ދީނީ އިންޤިލާބަށް 40 އަހަރު


1979 ވަނަ އަހަރު އީރާނަށް ގެނައި އިންޤިލާބަށް ސާޅިސް އަހަރު ފުރުން އެ ޤައުމުގައި ކުލަ ގަދަކޮށް ފާހަގަކޮށްފިއެވެ. މި މުނާސަބަތާ ގުޅިގެން އީރާނުގެ ވެރިރަށް ތެހްރާންގައި ވަނީ ވަރުގަދަ މުޒާހަރާތަކެއްވެސް ކުރިއަށްގެންގޮސްފައެވެ.

1979 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު އީރާނަށް ގެނައި އިންޤިލާބަކީ އެތައް އަހަރެއްގެ މުޒަހާރާތަކާއި މަދަނީ ހަޅުތާލުތަކަށްފަހު އީރާނަށް ގެނައި އިންޤިލާބެކެވެ. އޭރު އީރާނުގައި އޮތީ ރަސްކަމެއް ކަމުގައިވާނަމަވެސް،1977 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއްސުރެ ވެރިކަމުގައި ހުންނެވި ރަސްގެފާނު މުޙައްމަދު ރިޒާ ޝާޙާ ދެކޮޅަށް އީރާނުގައި ވަރުގަދަ މުޒާހަރާތައް ކުރިއެވެ.

މި މުޒާހަރާތަކުގައި މަދަނީ ޖަމާޢަތްތަކާއި ދީނީ އެކްޓިވިސްޓުންގެ އިތުރުން އީރާނުގެ ޔުނިވަރސިޓީތަކުގެ އެތައް ހާސް ދަރިވަރުން ވެސް ޢަމަލީގޮތުން ބައިވެރިވިއެވެ. މުޒާހަރާތައް އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވީ އޭރު ޤައުމުން އަރުވާލެވިފައި ހުންނެވި އީރާނުގެ ދީނީ ލީޑަރު އާޔަތުﷲ ރޫހުﷲ ޚުމެއިނީއެވެ. މުޒާހަރާތައް ވަރުގަދަވެ، އީރާނުގައި ހަމަނުޖެހުންތައް އިތުރުވެ، ޤައުމު މުޅިންހެން ހުއްޓުމަކަށް އައުމާއެކު 1979 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ސޯޅަ ވަނަ ދުވަހު ރަސްގެފާނު ރެޒާ ޝާޙް ޤައުމުދޫކުރައްވާ މިސްރަށް ވަޑައިގެންނެވިއެވެ. އޭގެ ފަހުން އޭނާ އަނބުރާ އީރާނަށް ވަޑައިގެންފައެއް ނުވެއެވެ.

މިއާއެކު، ޤައުމުން އަރުވާލާފައި ހުންނެވި ދީނީ ލީޑަރު ޚުމެއިނީ އެނބުރި އީރާނަށް ވަޑައިގެންނެވިއެވެ. އަދި އެ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު، ޚުމެއިނީއަށް ތާއީދުކުރާ އަސްކަރީ ބާރުތަކުން ރަސްގެފާނުގެ ސަލާމަތީ ފައުޖުތައް ބަލިކޮށް، އީރާނުގެ ރަސްކަން ވައްޓާލިއެވެ. އަދި އެ އަހަރުގެ އޭޕްރިލް މަހުގެ ފުރަތަމަ ދުވަހު އެ ޤައުމުގައި ނެގި ފެންނަ ނުފެންނަ ވޯޓެއްގައި އީރާނުގެ ރައްޔިތުން ވަނީ، އިރާނަކީ އިސްލާމީ ޖުމުހޫރިއްޔަތަކަށް ބަދަލުކުރުމަށް ނިންމާފައެވެ.

1979 ވަނަ އަހަރު އީރާނަށް ގެނައި އިންޤިލާބަށް ސާޅީސް އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ވެރިރަށް ތެހްރާނުގައި ވަނީ ވަރުގަދަ މުޒާހަރާތަކާއި އެއްވުންތައް ކުރިއަށްގެންގޮސްފައެވެ. މި މުނާސަބަތުގައި އެއްވި ތިބި މީހުންނާ މުޙާތަބުކުރައްވާ ވާހަކަދައްކަވަމުން އީރާނުގެ ރައީސް ޙަސަން ރޫޙާނީ ވިދާޅުވީ، އީރާނުގެ ދިފާޢީ ބާރުތައް ވަރުގަދަކުރުމަށް އެކި އެކި ވައްތަރުގެ މިސައިލްތައް އުފެއްދުމުގެ ހުއްދައަށް އެގައުމުން ކުރިން އެދިފައި ނުވާނެކަމަށެވެ. އަދި ދެންވެސް މިކަމުގެ ހުއްދައަށް ނޭދޭނެކަމަށް ރޫޙާނީ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އީރާނުން އިތުރު މިސައިލްތައް އުފައްދާ އެ ޤައުމުގެ އަސްކަރީބާރުތައް ވަރުގަދަކުރާނެ ކަމަށްވެސް ރޫޙާނީ ވިދާޅުވިއެވެ.

އީރާނުގެ އިންޤިލާބަށް ސާޅިސް އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތުގައި ވާހަކަފުޅުދައްކަވަމުން އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕް ވިދާޅުވީ، އީރާނުގެ ސަރުކާރު ވަނީ އެ ޤައުމުގެ ރައްޔިތުންނަށް ވަރަށް ބޮޑަށްވެސް އޮޅުވާލާފައިކަމަށެވެ. މިކަމާ ބެހޭ ގޮތުން ކުރެއްވި ޓުވީތެއްގައި ޓްރަމްޕް ވިދާޅުވީ، ވޭތުވެދިޔަ ސާޅިސް އަހަރުގެ ތެރޭގައި އީރާނުގެ ސަރުކާރަށް ލިބިފައިވަނީ ހުސް ނާކާމިޔާބީކަމަށާއި، އީރާނުގެ ރައްޔިތުންނަށް މިއަށްވުރެ ފަހި މުސްތަޤްބަލެއް ލިބެންޖެހޭ ކަމަށެވެ.