ޚަބަރު

ސުލްޙައިގެ މަޝްވަރާތަކުގައި އަފްޣާނިސްތާނުގެ ސަރުކާރުގެ ބައިވެރިވުން މުހިއްމު: އެމެރިކާ


އަފްޣާނިސްތާނުގައި ހިންގަމުންދާ ދުވަސްވީ ހަނގުރާމައަށް ސުލްޙަވެރި ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މަޝްވަރާތަކުގައި އަފްޣާނިސްތާނުގެ ސަރުކާރުން ބައިވެރިވުމަކީ ވަރަށް މުހިއްމުކަމެއް ކަމަށް އެމެރިކާގެ ދިފާޢީ ވަޒީރު ޕެޓްރިކް ޝެނަހެން ވިދާޅުވެއްޖެއެވެ.

އަފްޣާނިސްތާނަށް ކުރެއްވި ކުއްލި ދަތުރެއްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމެރިކާގެ ދިފާޢީ ވަޒީރު ޝެނަހެން ވިދާޅުވީ، އަފްޣާނިސްތާނާ މުސްތަޤްބަލާ ގުޅުން ހުރި މަޝްވަރާތަކުގައި އެ ޤައުމުގެ ސަރުކާރުން ބައިވެރިވާންޖެހޭނެ ކަމަށެވެ. ޝެނަހެން ވިދާޅުވީ، އަފްޣާނިސްތާނުގެ މުސްތަޤުބަލް ބައްޓަންކުރަން ޖެހޭނީ އެ ޤައުމުގެ ރައްޔިތުން ކަމަށާއި، މިކަމުގައި ބަސްބުނުމުގެ ހައްޤެއް އެމެރިކާއަކަށް ނޯންނާނެކަމަށެވެ.

އަފްޣާނިސްތާނުގެ ސަތާރަ އަހަރުވީ ހަނގުރާމައަށް ސުލްޙަވެރި ހައްލެއް ހޯދުމަށް އެމެރިކާ އާއި ޠާލިބާން ޖަމާޢަތުން މަޝްވަރާތައް ކުރަމުންދާ އިރު ޠާލިބާނު ޖަމާޢަތުން ވަނީ މި ވާހަކަތަކުގައި އަފްޣާނިސްތާނުގެ ސަރުކާރު ބައިވެރިކުރުމަށް ދެކޮޅުހަދާފައެވެ.

އެމެރިކާގެ ދިފާޢީ ވަޒީރު އަފްޣާނިސްތާނަށް ކުރެއްވި ދަތުރުގައި ވަނީ އެ ޤައުމުގެ ރައީސް އަޝްރަފް ޣަނީއާ ބައްދަލުކުރައްވާފައެވެ. އަދި އަފްޣާނިސްތާނުގައި ތިބޭ އެމެރިކާ ސިފައިންނާވެސް ޝެބނަހެން ބައްދަލުކުރެއްވިއެވެ. ޝެނަހެން ވިދާޅުވެފައިވަނީ އަފްޣާނިސްތާނުގައި މިހާރު ތިބި އެމެރިކާ ސިފައިންގެ ޢަދަދު ސާދަހާހަށް މަދުކުރުމަށް އޭނާއަށް އެއްވެސް ފަރާތަކުން އިރުޝާދުދީފައި ނުވާކަމަށާއި، އަފްޣާނިސްތާނަކީ އެމެރިކާގެ ސަލާމަތާ ބެހޭ މަސްލަހަތު އޮންނަ ޤައުމެއްކަމަށެވެ.