ވިޔަފާރި

ޖެނުއަރީމަހު ރާއްޖޭގެ އިމްޕޯޓް 4 ބިލިއަން ރުފިޔާގައި


ޖެނުއަރީމަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު ނުވަތަ ރާއްޖޭގެ އިމްޕޯޓް 4 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީމަހާއި އަޅާބަލާއިރު %6 އިތުރުވުމެކެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ނެރެ އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ހުސްވި ޖެނުއަރީމަހު ރާއްޖެއަށް 4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީމަހާއި އަޅާބަލާއިރު، %6 އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް އެތެރެކުރި މުދަލަށް ޖެހިފައިވަނީ 3.8 ބިލިއަން ރުފިޔާއެވެ.

ހުސްވި ޖެނުއަރީމަހު ރާއްޖެއަށް އެންމެގިނައިން މުދާ އެތެރެކުރި ޤައުމުތަކުގެ ތެރޭގައި ހިމެނެނީ،
ޗައިނާ 609 މިލިއަން ރުފިޔާ
ސިންގަޕޫރު: 397 މިލިއަން ރުފިޔާ
އިންޑިއާ: 332 މިލިއަން ރުފިޔާ
މެލޭޝިއާ: 325 މިލިއަން ރުފިޔާ

ޖެނުއަރީމަހު ރާއްޖޭގެ އެކްސްޕޯޓް ހުރިގޮތަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި 342.6 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީމަހާއި އަޅާބަލާއިރު، %28 ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީމަހު ރާއްޖެއިން ވަނީ، 473.2 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައެވެ.
ޖެނުއަރީމަހު އެންމެގިނައިން މުދާ ބޭރުކުރި ޤައުމުތަކުގެ ތެރޭގައި ހިމެނެނީ،
އިނގިރޭސިވިލާތް: 258 މިލިއަން ރުފިޔާ
ޖަރުމަނުވިލާތް: 34 މިލިއަން ރުފިޔާ
އެމެރިކާ: 28 މިލިއަން ރުފިޔާ
ފަރަންސޭސިވިލާތް: 19 މިލިއަން ރުފިޔާ
ތައިލެންޑް: 16 މިލިއަން ރުފިޔާ

ހުސްވި ޖެނުއަރީ މަހު އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 306.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ދައުލަތަށް ލިބިފައިވަނި 268 މިލިއަން ރުފިޔާއެވެ. އެހެންކަމުން 2018 ވަނަ އަހަރާއި އަޅާކިޔާއިރު މިއަހަރުގެ ޖެނުއަރީ މަހު ލިބުނު އާމްދަނީގެ މިންވަރު މިވަނީ 14 އިންސައްތައަށް އިތުރުވެފައެވެ.