ޖަރުމަންވިލާތުގައި ބާއްވާ ފަތުރުވެރިކަމުގެ ފެއަރތަކާއި ބައްދަލުވުމުންތަކުގައި ބައިވެރިވާ ދިވެހީންނަށް ފަސޭހައިން ވިސާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖަރުމަނުވިލާތުގެ ސަފީރާ މަޝްވަރާކުރައްވައިފިއެވެ. 
މި  މަޝްވަރާތައް ބޭއްވެވީ ޖަރުމަނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު،  ޖޯން ރޯޑް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާޞިމް އިބްރާހީމާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއަދު ހެނދުނު ރައްޔިތުންގެ މަޖިލިސް ކުރާގޭގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ޖަރުމަންވިލާތާއި ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއްކަމަށް ވިދާޅުވިއެވެ. އަދި  ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާއިބެހޭ ގޮތުން  ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. 
މިގޭ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޖަރުމަންވިލާތަކީ މުހިއްމު ޤައުމެއްކަން ފާހަގަކުރައްވާ، އެޤައުމުގައި ބާއްވާ ފަތުރުވެރިކަމުގެ ފެއަރތަކާއި ބައްދަލުވުމުންތަކުގައި ބައިވެރިވާ ދިވެހީންނަށް ފަސޭހައިން ވިސާ ލިބޭނެ އިންތިޒާމުތައް މިހާރުވެސް ހަމަޖައްސަވާފައިވާތީ، އެކަމަށްޓަކައި ސަފީރު މިސްޓަރ ޖޯން ރޯޑާއި ޖަރުމަން ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. 
މިބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ 18ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއިބެހޭ ގޮތުން ސަފީރަށް މަޢުލޫމާތު ދެއްވާފައެވެ. 
ޖަރުމަނުވިލާތުގެ ސަފީރު މިސްޓަރ ޖޯން ރޯޑް، ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަކީ ޖަރުމަނު ރައްޔިތުންގެ މެދުގައި މަޤުބޫލު މަންޒިލެއްކަން ފާހަގަކުރައްވައި ރާއްޖެއާ ޖަރުމަނާ ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުން އިތުރަށް ބަދަހިވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.