ސިޔާސީ

އެމްޑީޕީއާއި ޖޭޕީން ހޯމް މިނިސްޓަރާއި ބައްދަލުކުރައްވައިފި


އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ ކަންބޮޑުވުންތަކަށް ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވާނެކަމުގެ ޔަގީންކަން ހޯމް މިނިސްޓަރ އުމަރު ނަސީރު ދެއްވާފައިވާކަމަށް އެދެޕާޓީން ބުނެފިއެވެ.މިއަދު ހެނދުނު ހޯމަ މިނިސްޓަރާއި ބައްދަލުކުރެއްވުމަށްފަހު ވެލާނާގެއިން ނިކުމެވަޑައިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވީ، ސަރުކާރަށް ހުށަހަޅާފައިވާ ކަންތައްތަކާއި، ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާ ބެހޭ ގޮތުން އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތައް ރައީސް ޔާމިންއަރިހުގުގައި ދަންނަވައިދެއްވާނެ ކަމަށް އުމަރު ނަސީރު ވިދާޅުވިކަމަށެވެ.ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއަރޕާސަން ޢަލީ ވަހީދު ވިދާޅުވީ، ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް ގޮވާލާ ކުރިއަށްގެންދާ ހަރަކާތްތަށް އަދިވެސް ކުރިއަށްދާނެކަމަށެވެ. އަދި މިހާރު ގައުމުގެ ހާލުއޮތީ ސުލްހަ ހޯދަންޖެހޭ ހާލަތުގައިކަމަށާއި، މަޝްވަރާގެ މޭޒު އަބަދުވެސް ހުޅުވިފައި ހުންނާނެކަމަށެވެ.އޭނާ ވިދާޅުވީ، ދެފަރާތުގެ މަޝްވަރާތަށް މީޑިއާއާއި ހިއްސާ ނުކުރުމަށް ދެފަރާތުންވެސް އެއްބަސްވެފައިވާކަމަށެވެ.އިދިކޮޅު ދެޕާޓީއާއި އެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކާއި ގުޅޭގޮތުން ހޯމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީއާއި ހޯމް މިނިސްޓަރ ބައްދަލުކުރެއްވީ، އެހެންފަރާތްތަކާއިވެސް މިނިސްޓަރ ބައްދަލުކުރައްވާ އުސޫލުންކަމަށެވެ. އަދި އެއީ ރަސްމީ ބައްދަލުވުމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.