ޚަބަރު

މަތީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ކޮރަޕްޝަނަށް ނޫނުކޭ ބުނެފިނަމަ ނުހައްޤުން ފައިދާ ހޯދުން ހުއްޓުވޭނެ - ރައީސް


މަތީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ ކޮރަޕްޝަނަށް ނޫނެކޭ ބުނުމުގެ ހިތްވަރު ހުރި ބަޔަކަށްވެއްޖެނަމަ ސަރުކާރުގެ ތެރެއިން ނާޖާއިޒު ފައިދާ ހޯދަން އެއްވެސް ރައްޔިތަކު މަސައްކަތް ނުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ކޮރަޕްޝަންގެ މައްސަލަތައް ހުށައެޅާ ޕޯޓަލް " ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވަނީ ދައުލަތުގެ އެއްވެސް އިދާރާއެއްގައި ކޮރަޕްޝަންގެ ޢަމަލެއް ހިނގާނަމަ އެމަނިކުފާނުގެ ސަމާލުކަމަށް އެކަން ގެނައުމަށް އެދިވަޑައިގެންފައެވެ.

"ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ޕޯޓަލް އިފްތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ވައްކަމާއި ކޮރަޕްޝަނާ ދެކޮޅުގެ ސިޔާސަތުގެ ތެރެއިން، އެންމެ މުހިންމު އެއްކަމަކީ، ޚިޔާނާތާއި މަނީލޯންޑަރިންގެ ސަބަބުން، ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާތައް އަނބުރާ ހޯދުމުގެ މަސައްކަތްކަމަށެވެ.

އެކަމަށްޓަކައި އުފެއްދި ކޮމިޝަންގެ މަސައްކަތްތައް ބާރަށް ކުރިއަށްދާކަން ފާހަގަކުރައްވަމުން ރައީސް ވަނީ، ކޮރަޕްޝަނާއި ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް، ޤާނޫނުލްޢުޤޫބާތަށް އިތުރުކުރުމުގެ ބިލް، މަޖިލީހަށް ފޮނުއްވާފައިކަން ފާހަގަކުރައްވާފައެވެ. އެބިލް އެކުލަވައިލާފައިވާނީ، ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން، ކުށްކުރާ ޙާލަތުގައި ލިބޭ އަދަބު ބޮޑުވާގޮތަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ސަރުކާރުގެ އިދާރާތަކުގައި ހިންގާ ކޮރަޕްޝަންގެ ޢަމަލުތައް ހާމަކުރާ މީހުންނަށް ޤާނޫނީ ޙިމާޔަތް ދިނުމަކީވެސް، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ވަރަށް މުހިންމު ކަމެއްކަން ރައީސް ފާހަގަކުރައްވާފައިވެއެވެ. ކޮރަޕްޝަންގެ ޢަމަލުތައް ހާމަކުރުމަށް ބާރުއަޅައި، އެފަދަ ޢަމަލުތައް ހާމަކުރާ މީހުން ޙިމާޔަތްކޮށްދިނުމުގެ ބިލެއް ސަރުކާރުގެ ފަރާތުން މިހާރު ވަނީ މަޖިލީހަށް ހުށައަޅުއްވާފައެވެ. ސަރުކާރުގެ އެއްވެސް އިދާރާއެއްގައި ކޮރަޕްޝަންގެ ޢަމަލެއް ހިނގާނަމަ އެމަނިކުފާނުގެ ސަމާލުކަމަށް ގެނައުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

"ދައުލަތުގެ ހުރިހާ އިދާރާއެއްގެ ހުރިހާ ފެންވަރެއްގެ މުވައްޒަފުންނަށްވެސް، އަޅުގަނޑު މިއަދު ގޮވާލަނީ، އަޅުގަނޑުމެން މި ހުޅުވައިދިން ދޮރުން ވަދެވަޑައިގަންނަވާށޭ. އެބޭފުޅެއްގެ އޮފީހުގައި ނާޖާއިޒު ކަމެއް ހިނގާކަމަށް ޝައްކުވިޔަސް، އެކަމެއް އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނެސްދެއްވުމަށް އަޅުގަނޑު އެދެން." ރައީސް ވިދާޅުވިއެވެ.

ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމުގައި ޢާއްމު ރައްޔިތުންގެ ދަރުތަކީވެސް މުހިންމު ދައުރެއްކަން ފާހަގަކުރައްވައި ރައީސް ޞާލިޙްވަނީ ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް ޢާންމު ރައްޔިތުންނަށްވެސް އިލްތިމާސްކުރައްވާފައެވެ.

"ޢާންމު ރައްޔިތުންވެސް، މި ޕޯޓަލް މެދުވެރިކޮށް، ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް، އަޅުގަނޑު އިލްތިމާސް ކުރަން. ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެލައި، ޤައުމު އިޞްލާޙުކޮށް، ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރެވޭނީ، ތިޔަބޭފުޅުންގެވެސް ވަރަށްބޮޑު އެއްބާރުލެއްވުމެއް ލިބިގެން. ކޮންމެ ބޭފުޅަކުވެސް ގަބޫލުފުޅުކުރައްވަންވީ، ކޮރަޕްޝަން ނައްތައިލުމުގެ މަސައްކަތް ފެށޭނީ، އެބޭފުޅެއްގެ އަމިއްލަ ނަފްސާ ހަމައިންކަން. އެކަމަށް ބޭނުންވަނީ ކޮންމެ ބޭފުޅެއްގެ އިޚްލާސްތެރިކަން. ޒަމީރުގެ ތެދުވެރިކަން. މިއަދަކީ ދިވެހި ކޮންމެ ފަރުދަކު އެކަމަށް ފަށައިގަންނަ ދުވަހެއް ކަމުގައި ހައްދަވަމާ ހިންގަވާ!" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ދައުލަތް ހިންގުމުގެ ޒިންމާ އަދާކުރަމުންދާ މީހުންނަކީ، ކޮރަޕްޝަނާއި، ވައްކަމަށް ފާޅުގައި ނޫނެކޭ ބުނުމުގެ ހިތްވަރުހުރި ބަޔަކަށް ވެއްޖެނަމަ، ނުހައްޤުން ސަރުކާރުގެ ތެރެއިން ފައިދާއެއް ހޯދުމަށް ރައްޔިތަކު މަސައްކަތް ނުކުރާނެކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.

"މަތީ މަޤާމުތަކަށް އައިސް، ދައުލަތް ހިންގުމުގެ ޒިންމާ އުފުލާ މީހުންނަކީ، ކޮރަޕްޝަނާއި، ވައްކަމާއި، ޚިޔާނާތަށް ފާޅުގައި ނޫނެކޭ ބުނުމުގެ ހިތްވަރު ހުރި ބައެއް ކަމަށްވާނަމަ، ނާޖާއިޒު ގޮތެއްގައި ސަރުކާރުގެ ތެރެއިން ކަންކަން ކުރަން އެންމެ ރައްޔިތަކުވެސް މަސައްކަތެއް ނުކުރާނެ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަން ނައްތާލައި، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ނަޒާހަތްތެރި ތަންތަނަށް، އެ މުއައްސަސާތައް ހެދުމަކީ، މި ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދުކަން ފާހަގަކުރައްވައި ރައީސް ވަނީ ދައުލަތުގެ މުއައްސަސާތައް ހިންގުން އިންތިޒާމުކޮށްފައިވަނީ ހާމަކަން ބޮޑު، ދެފުށް ފެންނަ ގޮތަށްކަމަށް ވިދާޅުވެފައެވެ. އަދި އެތަންތަނުން ޚިދުމަތްތައް ދޭންވާނީ ދުރާލައި ހަމަޖެހި، ޢާންމުކުރެވިފައިވާ އުސޫލުތަކުގެ ތެރެއިންކަމަށާއި، އެ މުއައްސަސާތަކާމެދު ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށްޓަކައި، ކޮރަޕްޝަނާމެދު މިސަރުކާރުން ގެންގުޅޭނެ ހަމައެކަނި ސިޔާސަތަކީ "ޒީރޯ ޓޮލަރެންސް"ކަން ރައީސް ވަނީ ތަކުރާރުކުރައްވައި ހާމަކުރައްވާފައެވެ.