ޚަބަރު

އެމްޑީއޭގެ ޒުވާނުންގެ މަޖިލީހުގެ ރައީސް ރީޙާން، އެޕާޓީން ވަކިވެއްޖެ


މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ޒުވާނުންގެ މަޖިލީހުގެ ރައީސް އަދި ކައުންސިލް މެންބަރު އަޙްމަދު ރީހާން އެޕާޓީން ވަކިވެއްޖެއެވެ.

އެމްޑީއޭއިން ވަކިވިކަން ހާމަކޮށް ރީހާންގެ ފޭސްބުކް ޕޭޖްގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ރެއިން ފެށިގެން އެމްޑީއޭ ޒުވާނުންގެ މަޖިލީހުގެ ރައީސް ކަމުންނާއި، އެމްޑީއޭ ކައުންސިލް މެންބަރު ކަމުންނާއި އެމްޑީއޭ މެންބަރު ކަމުންވެސް އިސްތިޢުފާން ދޭން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑު މިރޭން ފެށިގެން އެމްޑީއޭ ޒުވާނުންގެ މަޖިލިސް ރައީސް ކަމުން. ކައުންސިލް މެންބަރު ކަމުން އަދި ޕާޓީންވެސް އިސްތިޢުފާން ދޭން ނިންމައިފިން." ރިހާން ލިޔެފައި ވެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން އެމްޑީއޭގެ މެމްބަރެއްގެ ގޮތުގައި އަދި ޒުވާނުންގެ ގޮފީގެ ރައީސްކަން ކުރެއްވި ރީޙާން އެޕާޓީން ވަކިވި ސަބަބު ހާމަ ކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ޖަސްޓިކް ފޯރ ރީޙާންގެ ނަމުގައި ސޯޝަލް މީޑިއާގައި ވަނީ ޕޯސްޓްތަކެއް ވައިރަލް ވެފައެވެ.

މީގެ ކުރިން ރީހާން ވަނީ އެމްޑީއޭގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އުނގުފާރު ދާއިރާއަށް ވާދަކުރަން ނިންމާ އެކަން އިއުލާންކޮށްފައެވެ. އެހެން ނަމަވެސް އެމްޑީއޭއިން ވަކިވުމަށްފަހު ޕާޓީއަކުން ނުވަތަ އަމިއްލަ ގޮތުންވެސް މަޖިލީހަށް ވާދަ ކުރައްވާނެކަން ރީޙާން ހާމަކޮށްފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީއޭއިން ވާދަކުރާ ފަރާތްތަކަށް އެޕާޓީގެ ކައުންސިލުން ރޭ ބޭއްވި ބައްދަލުވުމެއްގައި ވަނީ ޓިކެޓް ހަވާލުކޮށްފައެވެ. އެހެން ނަމަވެސް ރީޙާނަށް އެޕާޓީން ޓިކެޓް ދީފައެއް ނުވެއެވެ.