ޚަބަރު

ތައިލެންޑްގެ އިންތިޚާބާ ބެހޭ އިދާރާއިން ތައި ރަކްސާ ޗާޓް ޕާޓީގެ މައްސަލަ ބަލަން ނިންމައިފި


ތައިލޭންޑްގައި އަންނަ މާރިޗު މަހު ބާއްވާ ޢާއްމު އިންތިޚާބުގައި ބޮޑުވަޒީރުކަމުގެ މަޤާމަށް ކުރިމަތިލެއްވުމަށް އެ ޤައުމުގެ ސިޔާސީ ޕާޓީއަކުން ތައިލޭންޑްގެ ރަސްގެފާނުގެ ދައްތަގެ ނަން ހުށަހެޅުއްވި މައްސަލަ ތައިލޭންޑްގެ އންތިޚާބުތަކާ ބެހޭ އިދާރާއިން ހޯމަދުވަހު ބަލަން ފަށާނެކަމަށް އެ އިދާރާއިން ބުނެފިއެވެ.

ޢުމުރުން ފަސްދޮޅަސް ހަތް އަހަރުގެ ތައިލޭންޑްގެ ޢަމީރާ އުބޯލްރަތަނާ ރާޖަކަންޔާ ސިރިވަދަނާ ބަރްނަވާދީ އިންތިޚާބުގައި ތަމްސީލުކުރައްވަން ނިންމެވީ ތައިލޭންޑްގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ތައި ރަކްސާ ޗާޓް ޕާޓީއެވެ. އެހެންނަމަވެސް، ތައިލޭންޑްގެ ރަސްގެފާނު ވަޖިރާލޯންގްކޮން މިވަނީ މިކަމާ ދެކޮޅުހައްދަވާފައެވެ.

މިކަމާ ބެހޭގޮތުން ތައިލޭންޑްގެ ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުބޯލްރަތަނާ އިންތިޚާބުގައި ވާދަކުރެއްވުން ވެގެންދާނީ އެ ޤައުމުގެ އާދަކާދަތަކާ ފުށުއަރާ ކަމަކަށްކަމަށެވެ. ތައިލޭންޑްގެ ސިޔާސީ އެކްޓިވިސްޓެއް ވަނީ މާރިޗުމަހުގެ އިންތިޚާބުން ތައި ރަކްސާ ޗާޓް ޕާޓީ ބާޠިލްކޮށްލުމަށް ގޮވާލާ އެ ޤައުމުގެ އިންތިޚާބާ ބެހޭ އިދާރާއަށް މައްސަލައެއް ހުށަހަޅާފައެވެ.

މި އެކްޓިވިސްޓް ވިދާޅުވީ، ބޮޑުވަޒީރު ކަމަށް ރަސްގެފާނުގެ ދައްތަގެ ނަން ހުށަހަޅުއްވައިގެން އެ ޕާޓީ މިވަނީ ތައިލޭންޑްގެ އިންތިޚާބާ ބެހޭ ޤާނޫނާ ޚިލާފުވެފައިކަމަށެވެ. ތައިލޭންޑްގެ އިންތިޚާބާ ބެހޭ ޤާނޫނުގައި ބުނެފައިވަނީ އެ ޤައުމުގައި ބާއްވާ އެއްވެސް އިންތިޚާބެއްގައި އެގައުމުގެ ޝާހީ އާއިލާގެ އެހީ ހޯދުމަކީ ޤާނޫނީ ކުށެއްކަމަށެވެ. މިކަމުގައި ތައިލޭންޑްގެ އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމާނީ ހުކުރު ދުވަހު ކަމަށް ބެލެވެއެވެ.