ވިޔަފާރި

ޖެނުއަރީމަހު ޓެކްސްގެ ގޮތުގައި ދައުލަތަށް 2.13 ބިލިއަން ރުފިޔާ ލިބިއްޖެ


ޖެނުއަރީމަހު ޓެކްސްގެ ގޮތުގައި ދައުލަތަށް 2.13 ބިލިއަން ރުފިޔާ ލިބިއްޖެއެވެ. މިއީ ޖެނުއަރީމަހު ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބޭނޭކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ %2.2 އިތުރު އަދަދެކެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ނެރެ އާއްމުކޮށްފައިވާ ޖެނުއަރީމަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އެމަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއި، 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި، އަޅާ ބަލާއިރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި އަދަދު %5.4 އިތުރުވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާއާއި ގުޅުންހުރި ޓެކްސްތައް އިތުރުވެފައިވުމެވެ.

ޖެނުއަރީމަހު ދައުލަތަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ، ބިޒްނަސް ޕްރޮފިޓް ޓެކްސް ބީޕީޓީންނެވެ. އެއީ %41.4 ނުވަތަ 881.56 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީންނެވެ. އެއީ 799.2 މިލިއަން ރުފިޔާއެވެ. މިއީ މިމަހުގެ ތެރޭގައި ލިބުނު އާމްދަނީގެ %37.5 އެވެ.

މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 78.26 މިލިއަން ރުފިޔާ އާއި، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76.5 މިލިއަން ރުފިޔާ، އެއަރޕޯޓު ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 59.62 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 235.48 މިލިއަން ރުފިޔާ ހިމެނެއެވެ.

މިދިޔަމަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 67.8 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.