ޚަބަރު

ކަލާފާނު ސްކޫލަށް 30 އަހަރުވުމާއި ގުޅިގެން ޚާއްސަ ލަވައެއް ނެރެފި


ކާލާފާނު ސްކޫލްގެ 30 ވަނަ އަހަރީ ދުވަހާއި ގުޅިގެން ޚާއްސަ ލަވައެއް ނެރެފިއެވެ. މިލަވަ ނެރެދެއްވީ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އަޙްމަދު މަޚްލޫފެވެ.

ކާލާފާނު ސްކޫލަށް 30 އަހަރުފުރުމާ ގުޅިގެން ނެރުނު ލަވަ ލިޔެފައިވަނީ ސްކޫލްގެ ޓީޗަރު އަޙްމަދު ނާސިޙެވެ. މިލަވަ ކިޔާފައިވަނީ މޯލްޑިވިއަން އައިޑަލްއިން ވިދާލި މުޙައްމަދު އިޝާންއާއި ޙަމޫދު އަޙްމަދު ގެ އިތުރުން މަރިޔަމް ރިފާން ހަސަން ރަޝީދާއި ޒިޔާން އާސިމެވެ.

ކަލާފާނު ސްކޫލަށް 30 އަހަރު ފުރުމާއި ގުޅިގެން ނެރުނު މިލަވަ ކިޔަފައިވާ ހުރިހާ ފަރާތަކީވެސް ކަލާފާނު ސްކޫލްގައި ތަޢުލީމު ޙާސިލުކޮށްފައިވާ މީހުންކަން އެސްކޫލުން ފާހަގަކުރެއެވެ. ލަވަ ނެރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އަޙްމަދު މަޚްލޫފް ވަނީ އެމަނިކުފާނު ކަލާފާނުސްކޫލްގައި ހޭދަކުރެއްވި ދުވަސްތަކުގެ ހަނދާންތައް އައުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި ސްކޫލް ގެ ގޯތިތެރޭގައި އެކި ޙަރަކާތްތައް ކުރިއަށްގެންދާ ސަރަޙައްދުގައި ޓަރފް އޭޅުމަކީ ސްކޫލްގެ މެނޭޖްމެންޓުން އެދޭކަމަކަށްވުމުން އަވަސް މުސްތަޤުބަލެއްގައި އެކަން ކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަ މިފުރުސަތުގައި، ބުނެލަން ބޭނުން، މިސްކޫލްގެ ޕްރިންސިޕަލް އަދި ސްކޫލްގެ ޓީމާއެކު ދެކެވުނު ވާހަކަތަކުގެ ތެރޭގައި، ކަލާފާނު ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުންގެ ވަރަށް ބޮޑު އެދުމެއްގެ ގޮތުގައި ފާހަގަކުރެއްވި ސްކޫލްގެ ކޮމްޕައުންޑުގައި ޓާރފެއް އެޅުމުގެ ވާހަކަ. މިފުރުސަތުގައި މިޔަދޭ މާދަމައޭ އަންނަ މަހޭ ބުނާކަށް ނެތިން، މިމަޤާމުގައި ދެމިހުރެއްޖެ ނަމަ އިރާދަކުރެއްވިއްޔާ ކަލާފާނު ސްކޫލަށް އެކަން ކޮށްދޭނަން."

ކަލާފާނު ސްކޫލަށް 30 އަހަރު ފުރުމާއި ގުޅިގެން ލަވަ ނެރުމަށްޓަކާ ބޭއްވި ޚާއްސަ ހަވީރުގައި ވަނީ ސްކޫލްގެ ބޭންޑުގެ އެކި ޙާރަކާތްތަކާއި ސްކޫލްގެ ދަރިވަރުންގެ އެކި ޙަރަކާތްތައްވެސް ދައްކާލާފައެވެ. މިޙަރަކާތްތައް ބަލާލުމަށް ކަލާފާނު ސްކޫލްގެ ގިނަޢަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިންވަނީ ހެންވޭރު ދަނޑަށް ގޮސްފައެވެ.

ގްރޭޑް އެކަކުން ފެށިގެން ދިހައަކާއި ހަމައަށް ކިޔަވައިދޭ ކަލާފާނު ސްކޫލްގައި އެންމެ ފުރަތަމަ ކިޔަވައިދޭން ފަށާފައިވަނީ 25 ޖުލައި 1989 ވަނަ އަހަރު ހަމައެކަނި ޕްރައިމަރީ ސްކޫލެއްގެ ގޮތުގައެވެ.