ޚަބަރު

ރައީސް ޞާލިޙު ހުރާ ކައުންސިލާއި ބައްދަލުކުރައްވައިފި


ކ. ހުރާއަށް ދިމާވެފައިވާ ކަންތައްތަކުގައި، ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙު މިހެން ވިދާޅުވީ، ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ހުރާ ކައުންސިލްގެ މެމްބަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ރައީސް ޞާލިޙު، ހުރާ ކައުންސިލްގެ މެމްބަރުންނާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އެފަރާތުންވަނީ ގިނަ ކަންތައްތަކަށް އަލިއަޅުވާލައި މިހާރުން މިހާރަށްވެސް ޙައްލު ހޯދަން ބޭނުންވެފައިވާ ކަންކަން ހުރިކަން ފާހަގަކޮށްފައެވެ. އެގޮތުން ހުރާ ކައުންސިލް އިދާރާއާއި، އެރަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން އެރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވުމަށްވެސް ވަނީ ރައީސް ޞާލިޙުގެ އަރިހުން އެދިލައްވާފައެވެ.

ކ.ހުރާ އަކީ މާލެއާއި ކައިރީގައި އޮންނަ ގިނަ ބަޔަކު ކޮންމެ ދުވަހަކުވެސް ޒިޔާރަތް ކުރަމުން އަންނަ ރަށެކެވެ. އެހެންކަމުން އެރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަމާއެކު އެކަމަށް އަވަސް ހައްލެއް ހޯދުމަށް ރައްޔިތުން އެދެމުންދާ ކަމަށް ހުރާ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އަދި މިހާރު އެރަށުގައި ހިއްކަމުންދާ ސަރަޙައްދު ވީ އެންމެ އަވަހަކށް ނިންމައި ދެއްވުމަށްވެސް ހުރާ ކައުންސިލުން ވަނީ ރައީސް ޞާލިޙުގެ އަރިހުގައި ދަންނަވާފައެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސް ޞާލިޙުވަނީ ހުރާގެ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި މިއަހަރުގެ ބަޖެޓުގައި ހުރާއަށް ކަނޑައަޅާފައިވާ ކަންތައްތައް ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.