ސިޔާސީ

ލޭބަރ ޕާޓީން 10 ދާއިރާއަކަށް ޓިކެޓު ދީފި


މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީން މަޖިލިސް އިންތިޚާބުގައި ވާދަކުރާ 10 ދާއިރާއެއްގެ ޓިކެޓް ދޫކޮށްފިއެވެ.

ލޭބަރ ޕާޓީގެ ކެނޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުމަށް މިއަދު ހަވީރު ސައިރިކްސް ކޮލެޖުގައި ބޭއްވި ހަފްލާގައި އެފަރާތްތަކަށް ޓިކެޓް ހަވާލުކޮށްދެއްވީ ޕާޓީގެ ލީޑަރު އަހުމަދު ޝިހާމް އެވެ.

ލޭބަރ ޕާޓީން މީގެ ކުރިންވަނީ 11 ދާއިރާއަކަށް ވާދަކުރުމަށް އިއުލާނުކޮށްފައެވެ. އެގޮތުން އެ 11 ދާއިރާގެ ތެރެއިން ވިލިމާލެ ދާއިރާ ފިޔަވައި ދެން އިއުލާނުކުރި ހުރިހާ ދާއިރާއަކަށް ވަނީ މިއަދު ޓިކެޓް ހަވާލުކޮށްފައެވެ.

އެޕާޓީން ވަނީ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު މަޖިލިސް އިންތިހާބުގައި ވާދަކުރާނެކަން އިއުލާނުކޮށް، ޕާޓީގެ ފުރަތަމަ ޓިކެޓް ކެނޑިޑޭޓަކަށް އަރުވާފައެވެ. އެހެންކަމުން މިހާރު އެޕާޓީން ވަނީ ޖުމްލަ 11 މީހަކަށް ޕާޓީގެ ޓިކެޓް ދީފައެވެ.

ލޭބަރ ޕާޓީން ވަނީ މަޖިލީހުގެ އިތުރު ދާއިރާތަކަށް ކެނޑިޑޭޓުން ނެރުމަށްޓަކައި މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ. އަދި އިތުރު ދާއިރާތަށް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށްވެސް އެޕާޓީން ބުނެއެވެ.