ޚަބަރު

ތަރައްޤީއަށް ހުރި ހުރަސްތަކާއި ގުޅޭގޮތުން ނާއިބު ރައީސް ވޯލްޑް ބޭންކާއި އެކު މަޝްވަރާކޮށްފި


ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުރިމަތިމާ ހުރަސްތަކާއި ގޮންޖެހުންތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަޞީމް ވޯލްޑް ބޭންކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޑިރެކްޓަރ ޑރ. އައިޑާ ސްވަރަޔީ ރިޑިހައުއާ މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވޯލްޑް ބޭންކްގެ ޑިރެކްޓަރ ވަނީ ދިވެހިރާއްޖެއާއި ވޯލްޑް ބޭންކާ ދެމެދު އޮންނަ ގާތް ކަމަށް ބައްލަވައިލައްވައިފައެވެ. ވޯލްޑް ބޭންކްގެ ޑިރެކްޓަރ ވަނީ މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި އެ ބޭންކަށް ވެވެން އޮތް މިންވަރަކަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ. އެގޮތުން އިއާދަކުރަނިވި ހަކަތައާއި ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް އަދި ރައްޔިތުންގެ ފައިސާ ރަނގަޅު ގޮތުގައި ހޭދަކުރާނެ ގޮތްތައް ކަނޑައެޅުމުގައި އެހީތެރިވުމަށް ތައްޔާރަށް އޮތްކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ނާއިބު ރައީސް ފައިޞަލް ނަޞީމް ވަނީ ދިވެހިރާއްޖޭގެ ތަރައްޤީއަށް ވޯލްޑް ބެންކުން ވޭތުވެދިޔަ އަހަރުތަކުގައި ދެއްވާފައިވާ އެހީތަކަށް ޝުކުރުއަދާކުރައްވައިފައެވެ. އަދި އެމަނިކުފާނު ވަނީ ވަރލްޑް ބޭންކްގެ ޑިރެކްޓަރ މިއަދުގެ ބައްދަލުވުމުގައި ދެއްވާފައިވާ ރަނގަޅު ޚިޔާލުފުޅު ތަކަށްވެސް ޝުކުރުއަދާކުރައްވައިފައެވެ.