ޚަބަރު

މިސްރުގައި އޮންނަ ޤުރުއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


މިސްރުގެ ޤާހިރާގައި އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ހުޅުވާލައިފިއެވެ.

ޤުރުއާނާބެހޭ މަރުކަޒުން ބުނީ މިސްރުގެ ޤާހިރާގައި ބޭއްވުމަށް ހަމަޖެހިފައިވާ ''26 ވަނަ އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ރިސައިޓް އޮފް ދަ ހޮލީޤުރުއާން'' މުބާރާތުގައި ރާއްޖެ ތަމްސީލްކުރާނެ ބަޔަކު ހޯދުމަށް ބޭނުންވާތީ މިމަހުގެ 14 ވަނަ ދުވަހުގެ ކުރިން ޤުރުއާނާބެހޭ މަރުކަޒަށް ސިޓީ ހުށަހަޅުމަށް އެދޭ ކަމަށެވެ.

މިމުބާރާތުގައި ބައިވެރިވެވޭނީ، މުބާރާތުގެ ފައިނަލް ބުރުގައި މީގެކުރިން ބައިވެރިނުވެ، އަދި ބައިނަލްއަޤްވާމީ މުބާރާތެއްގައި މީގެކުރން ބައިވެރިވެ އެ ކެޓަގަރީން އެއް ވަނަ ހޯދާފައިވާނުވާ ފަރާތަކަށެވެ. އަދި އުމުރުން 30 އަހަރު ފުރިހަމަވެފައި ނުމުގެ އިތުރުން މުޅި ޤުރުއާން ހިތުދަސް މީހަކަށްވުމާއެކު ތަޖުދީވުމަގުން ރިވެތިކޮށް ދިގުރާގަށާއި، ކުރު ރާގަށް ކިޔަވަން އެނގެންޖެހޭނެ ކަމަށް ޤުރުއާނާބެހޭ މަރުކަޒުން ނެރުނު އިޢުލާނުގައި ބުނެފައިވެއެވެ. މީގެއިތުރުންވެސް މުޅި ޤުރުއާން ހިތުދަސްކޮށްކޮށްގެން ތިލާވަތުގެ ހަމަތަކާ އެއްގޮތަށް ކިޔަން އެނގޭ މީހަކަށް ވާންޖެހޭ ކަމަށް ޤުރުއާނޭހޭ މަރުކަޒުން ބުނެއެވެ.

މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް ޓިކެޓާއި ހުރުމުގެ ޚަރަދު މިސްރު ސަރުކާރުން ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޤުރުއާނާބެހޭ މަރުކަޒުން ބުނެއެވެ. މި މުބާރާތް އޮންނާނީ އަންނަ މާރޗް މަހުގެ 23 އިން 29 އަށް މިސްރުގެ ޤާހިރާގައެވެ.