ވިޔަފާރި

ކުދި ވިޔަފާރިތަކަށް އަމާޒުކޮށް ވިއުގައެއް ޤާއިމް ކުރަނީ


ކުދި ވިޔަފާރިތަކަށް އަމާޒުކުރެވިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ވިއުގައެއް ޤާއިމް ކުރުމަށް ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން އޭޕްރީލް މަހުގެ ނިޔަލަށް ވިޔުގައެއް ގާއިމް ކުރުމަށް ނިންމަވާފައިވާކަމަށެވެ. އެގޮތުން 7 ސެންޓަރެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމް ކުރުމަށް ނިންމަވާފައިވާކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.އެ 7 ސެންޓަރު ގާއިމް ކުރާ ރަށްތަކަކީ މާލެ އާއި ހދ. ކުޅުދުއްފުއްޓާއި ޅ. ނައިފަރާއި ދ. ކުޑަހުވަދޫ އާއި ލ. ފޮނަދޫގެ އިތުރުން ގދ. ތިނަދޫ އާއި އައްޑޫ ސިޓީގެ ހިތަދޫއެވެ.މިނިސްޓަރު ވިދާޅުވީ އެވިޔުގައި ގާއިމް ކުރެވުމުން ކުދި ވިޔަފާރިތަކަށް ލޯނާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދޭނީ އެ ސެންޓަރުތައް ގާއިމްކޮށްގެން ކަމަށެވެ.އޭޝިއާ ޑިވެލޮޕްމަންޓު ބެންކް(އޭޑީބީ) އެހީގައި ހިންގާ މިމަޝްރޫއުއަށް އިންޓަނޭޝަނަލް ކޮންސަލްޓަންޓެއް މިހާރު ހަމަޖައްސާފައިވާކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ. އެ ކޮންސަލްޓަންޓުގެ ލަފާގެ މަތިން 10 އެކްސްޕާޓުން މަސައްކަތް ކުރާނެ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ހަ އެކްސްޕާޓުންނާއި ބޭރުގެ ހަތަރު ފަރާތެއް ކަމަށާއި އެ 10 ފަރާތުގެ މަސައްކަތަކީ އެސެންޓަރުތަކަށް މަސައްކަތް ކޮށްދިނުން ކަމަށް މިނިސްޓްރީން މައުލޫމާތުދެއްވިއެވެ.