ޚަބަރު

ބިދޭސީ މަސައްކަތްތެރިންނާއި ގުޅޭކަންކަން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމައިފި


މޯލްޑިވްސް އިމިގްރޭޝަނުން ދެމުންދިޔަ ބިދޭސީ މަސައްކަތްތެރީން ދިވެހިރާއްޖެއަށް އެތެރެވުމަށް ހުއްދަ ދޫކުރުމުގެ ޚިދުމަތްތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށަށް ބަދަލުކުރުމަށް ނިންމަވައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، ލޭބަރ އެންޑް އެންޕްލޯއިމެންޓް މެންޑޭޓްގެ ތެރޭގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން، ބިދޭސީ މަސައްކަތްތެރީން ދިވެހިރާއްޖެއަށް އެތެރެވުމަށް ހުއްދަ ދިނުމާބެހޭ މަސައްކަތްތައް ހަރުދަނާކުރުމަށް ސަރުކާރުން އެކަށައަޅުއްވާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި، މޯލްޑިވްސް އިމިގްރޭޝަނުން މިހާރު ދެމުންގެންދާ ބައެއް ޚިދުމަތްތައް އެމިނިސްޓްރީގެ ދަށަށް، އަންނަ މާރިޗް މަހުގެ ތެރޭގައި ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.

އަދި ޚިދުމަތް ހޯދާ ފަރާތްތަކަށް ދަތިނުވާނެފަދަ ގޮތަކަށް، ހުއްދަ ދިނުމުގެ މަސައްކަތްތައް އިކޮނޮމިކް މިނިސްޓްރީއަށް ބަދަލުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކަމާއިގުޅުންހުރި އިދާރާތަކާއި ގުޅިގެން ކުރަމުންދާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

އިމިގްރޭޝަނުން ދެމުންދިޔަ ޚިދުމަތްތަކުގެ ތެރެއިން އިކޮނޮމިކް މިނިސްޓްރީއަށް ބަދަލުކުރުމަށް ނިންމާފައިވާ ޚިދުމަތްތަކުގެ ތެރޭގައި ރާއްޖެއަށް އެތެރެވާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ބޭނުންކުރާ އޮންލައިން ސިސްޓަމްގައި ރަޖިސްޓްރީވުމުގެ މަސައްކަތްތަކާއި، ކޯޓާ ހަމަޖައްސައިދިނުމާއި، އެންޕްލޯއިމެންޓް އެޕްރޫވަލް ދިނުމާއި، ވިސާ ޑިޕޮސިޓް ފީ ބަލައިގަތުމައި ރީފަންޑްކުރުން ހިމެނެއެވެ.