ސިޔާސީ

އެމްއާރުއެމްގެ ކެމްޕެއިން ހަރަކާތުގެ ސްޕޯކްސް ޕާސަނަކަށް ތަޒްމީލް


އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ މައުމޫނު ރީފޯމް މޫވްމަންޓުގެ ކެމްޕެއިން ސްޕޯކްސް ޕާސަނަކަށް ތަޒްމީލް ޢަބްދުއްސަމަދު ހަމަޖައްސައިފިއެވެ.

ކުރީގެ ރައީސް މަޢުމޫނު ޢަބްދުލްޤައްޔޫމުގެ ސިޔާސީ ޙަރަކާތް އެމްއާރުއެމްގެ ކެމްޕެއިން ސްޕޯކްސް ޕާސަންގެ މަޤާމަށް ތަޒްމީލް ހަމަޖެއްސެވިއިރު، އޭނާއަކީ މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވަމުން އަންނަ ބޭފުޅާއެވެ.

އޭޕްރިލް މަހުގެ 6 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިޚާބަށް އެމްއާރުއެމްގެ ފަރާތުން ކެނޑިޑޭޓުން ނެރުމަށްޓަކައި މިހާރުވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބައެއް ފަރާތްތަކަށް ވަކި ދާއިރާތަކަކަށް ވާދަކުރުމުގެ ޓިކެޓް ދީފައިވާއިރު، އިތުރު ދާއިރާތަކަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކާ ދަނީ މަޝްވަރާކުރަމުންނެވެ.

އެމްއާރުއެމްގެ ފަރާތުން މަޖިލީސް އިންތިޚާބުގެ ސްޕޯކްސް ޕާސަނަކަށް ތަޒްމީލް ހަމަޖެއްސިއިރު، ކެމްޕެއިން މެނޭޖަރަކަށް ހަމަޖައްސާފައިވަނީ ރާއްޖެ އިން ސްރީ ލަންކާ އަށް ކަނޑައަޅާފައިވާ ޑެޕިއުޓީ އެމްބަސެޑަރު މުޙައްމަދު ފައިސަލްއެވެ.

އަދި އެސިސްޓެންޓް މެނޭޖަރަކަށް ހަމަޖައްސާފައި ވަނީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ރާއިދުއެވެ.