ކުޅިވަރު

ލިބުނު ފަޚުރަށްވުރެ ލިބުނު ތަޖުރިބާގެ އަގު މާބޮޑު - އަޒްކާ


އެއްރަށުން އަނެއް ރަށަށް ފަތައިގެން ލިބުނު ފަޚުރަށްވުރެ، އެކުގައި ފެތި މީހުންގެ ފަރާތުން ލިބުނު ތަޖުރިބާ އާއިމެދު މާ އުފާވަކަމަށް ޒުވާން ފެތުންތެރިޔާ އަޒްކާ އާދިލް ބުނެފިއެވެ.

ބާ އަތޮޅުގައި ކުރިއަށްދިޔަ، "ސްވިމް މޯލްޑިވްސް ބާ ބީއާރު ކްރޯވްލް 2019" ނިންމާލުމަށްފަހު، މި ތާރީޚީ ފެތުން ފުރިހަމަކުރި އެންމެ ޒުވާން ފެތުންތެރިޔާ އަޒްކާ ބުނީ، އެއްރަށުން އަނެއްރަށަށް ފެތުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެއް ކަމަށާއި، ނަމަވެސް މިފެތުމުގައި އެކި މަސައްކަތް ތަކުގައި އުޅޭ ބަޔަކު ބައިވެރިވެ އެމީހުންގެ ފަރާތުން ދަސްވި ކަންތައްތަކާއި ތަޖުރިބާ މާ އަގުބޮޑުކަމަށެވެ.

އަޒްކާބުނީ، މިއީ މިހާތަނަށް ފުރިހަމަކުރި އެންމެ ޗެލެންޖިން ފެތުން ކަމަށާއި، މިހަރަކާތުގައި، އެހެން ދާއިރާތަކުގައި ބުރަކޮށް މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ބައިވެރިވުމުން، އެހެން މީހުން ފެތުމަށް ލޯބިކުރާ މިންވަރު ވަރަށް ބޮޑަށް ހާމަވެގެން ހިނގައްޖެކަމަށެވެ.

"ކޮންމެ މީހަކަށްވެސް އެއް ރަށުން އަނެއް ރަށަށް ފަތާލެވިދާނެ، އެކަމު އެކި ދާއިރާތަކު އުޅޭ އެކި މަސައްކަތްތައްކުރާ މީހުން އައިސް މިކަމުގައި ބައިވެރި ވުމުން މާ އުފާވެއްޖެ. ލިބުނު ފަޚުރަކަށްވުރެ ބޮޑަށް މިއީ ލިބުނު ތަޖުރިބާއެއް." އަޒްކާ ބުންނެވެ.

އަޒްކާބުނީ، މިފެތުމުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވީ އެންމެ ފުރަތަމަ ދުވަސް ކަމަށާއި، ހިތްވަރާއެކު އެދުވަހުގެ ފެތުން ނިންމާލެވުމުން، ބާކީ ކޮންމެ ދުވަހެއްވެސް ވަރަސް ބޮޑަށް ފަސޭހަވިކަމަށެވެ.

ބ.އަތޮޅުގައި ކުރިއަށްދިޔަ މި ހަރަކާތަކީ ރާއްޖޭގެ ރެކޯޑެކެވެ. މިއީ މިހާތަނަށް ރާއްޖޭގައި ފެތި އެންމެ ދިގު ފެތުމެވެ. ހަފްތާއަކަށް ދެމިގެންދިޔަ މި ފެތުން ފުރިހަމަކުރި އަށް ބައިވެރިން ވަނީ ބ.އަތޮޅުގެ 23ރަށަކަށް މަޑުކޮށްފައެވެ.