ޚަބަރު

އަންނަ ރަމަޟާންމަހު އިމާމުވެ ތަރާވީޙު ނަމާދުކުރަން ބޭނުންވާ ބޭފުޅުންނަށް ހުއްދައަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި


1440 ވަނަ އަހަރުގެ ރަމަޟާންމަހު ރާއްޖޭގެ މިސްކިތްތަކުގައި ޙިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖޭން ބޭރުގެ ޙާފިޡުން ގެނަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ހުއްދައަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ރަމަޟާންމަހު ރާއްޖޭގެ މިސްކިތްތަކުގައި ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް ރާއްޖޭން ބޭރުން ޙާފިޡުން ގެނައުމަށް ޝަޢުގުވެރިވާ ފަރާތްތަކުން، "ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރުމަށް ރާއްޖެއިން ބޭރުގެ ޙާފިޡުން ގެނައުމުގެ ހުއްދައަށް އެދޭ ފޯމް" ފުރިހަމަކޮށް އަންނަ އޭޕްރީލްމަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެކަމަށެވެ.

ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާ ފަރާތްތަކަށް އެލަވަންސް ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގައި ކުރެވޭ ތަރާވީޙް ނަމާދުގައި އިމާމުކަން ކުރުމަށް ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތައް ގެނައުމާ ގުޅޭ އުސޫލުގެ 3 ވަނަ ނަންބަރުގެ (ށ) ގައިވާ ގޮތުގެމަތިން އާބާދީގެ ނިސްބަތުންނެވެ. އެގޮތުން ރާއްޖެއިން ބޭރުގެ ޙާފިޡުންނަށް އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާ ކޮންމެ ރެޔަކަށް 200 ރުފިޔާގެ މަގުން ފައިސާގެ އެލަވަންސެއް ދެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި މާލެއާއި އަތޮޅުތަކުން އެލަވަންސް ހޯދުމަށް އެދި މިނިސްޓްރީ އަށް ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ 20 ޖޫން 2019 ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ރާއްޖޭން ބޭރު ގައުމުތަކުގެ ފަރާތްތަކަށް ރާއްޖޭގައި ޙިފްޡުކޮށް ތަރާވީޙް ނަމާދުކުރުމުގެ ހުއްދަ ދެވޭނީ ރާއްޖޭގެ ޤުރުއާން ކްލާސްތަކުގައި މަސައްކަތް ކުރާ އަދި ޙާފިޡުކަމުގެ ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށެވެ.