ޚަބަރު

ވޯޓާސް ލިސްޓަށް 1256 ޝަކުވާ ހުށައަޅައިފި


އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި ބާރަ ސަތޭކަ ފަންސާސް ހަ ޝަކުވާ ހުށައަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި 264،589 މީހުންނަށް ވޯޓުދިނުމުގެ ޙައްޤުލިބިފައިވެއެވެ. އަދި މުޅިން އަލަށް 2336 މީހުން މިއިންތިޚާބުގައި ވޯޓުލާނެކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، ވޯޓު ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ލިސްޓަށް ހުށައެޅި ހުރިހާ ޝަކުވާއަކަށް މިހާރު ޖަވާބު ދީފައިވާކަމަށެވެ. އަދި ޝަކުވާތަކަށް ރިޔާޢަތްކޮށް އިޞްލާޙުކުރެވޭ ލިސްޓް މިމަހުގެ ފަނަރަ ވަނަ ދުވަހު އިޢުލާންކުރައްވާނެކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި އިޞްލާޙުކުރެވޭ ލިސްޓަށްވެސް ޝަކުވާ ހުށައެޅުމަށް ދިހަ ދުވަހުގެ މުއްދަތެއް ހުޅުވާލާނެކަމަށް އަކްރަމް ވިދާޅުވިއެވެ.

މައިގަނޑުގޮތެއްގައި ހުށައެޅި ޝަކުވާތަކުގެ ތެރޭގައި ދާއިރާއާއި، އެޑްރެސް ބަދަލުވުމާއި، މަރުވެފައިވާ މީހުން ލިސްޓްގައި ހިމެނޭ މައްސަލަތައްވެސް ހުށައަޅާފައިވާކަމަށް އިލެކްޝަންގެ ތަރުޖަމާން އަޙްމަދު އަކްރަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ލިސްޓްގައި މަރުވެފައިވާ މީހުން ހިމެނިގެން ސަތޭކައެއްހާ ޝަކުވާ އެކޮމިޝަނަށް ހުށައަޅާފައިވާކަމަށެވެ. މިއީ ކުރީގެ އިންތިޚާބުތަކާއި އަޅާބަލާއިރު ވަރަށް މަދު ޢަދަދެއްކަން އަކްރަމް ފާހަގަކުރެއްވިއެވެ.

"ކުރިއާ އަޅާބަލާއިރު މިއީ މަރުވެފައިވާ މީހުން ވަރަށް މަދު ލިސްޓެއްކަން ފާހަގަކުރެވުނީ. އެގޮތުން ފުރަތަމަ ޢާންމުކުރި ލިސްޓަކީ ކުރިއާ އަލާބަލާއިރު ވަރަށް ފުރިހަމަ ލިސްޓެކޭ މިއީ. މި ލިސްޓް އިތުރަށް ފުރިހަމަ ވެގެންދާނެ ޝަކުވާތަކާއެކުގައި". އަކްރަމް ވިދާޅުވިއެވެ.

ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކުރުމަށްފަހު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިއަ މަހުގެ 30 ވަނަ ދުވަހުންފެށިގެން މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިފަހަރުގެ އިންތިޚާބުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެންތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރަން ޖެހޭނީ ރިޔާސީ އިންތިޚާބުގެ ވޯޓުލީތަން ނޫން އެހެންތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކުން އެކަނިކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.