ވިޔަފާރި

ބީއެމްއެލް ލުއި ލޯނު ޕޯޓްފޯލިއޯ 1.1 ބިލިއަން ރުފިޔާގައި


ބީއެމްއެލްގެ ލުއި ލޯނު ޕޯޓްފޯލިއޯ ނުވަތަ ލުއި ލޯނުގެ ގޮތުގައި މިހާތަނަށް 1.1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް ބީއެމްއެލްއިން ހާމަކޮށްފިއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ލުއި ލޯނުގެ ޚިދުމަތަށް ގެނައި ހެޔޮ ބަދަލުތަކާއި ބެހޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ، މިހާތަނަށް ލުއި ލޯނުގެ ޕޯޓްފޯލިއޯ 1.1 ބިލިއަން ރުފިޔާއަށް އަރާއިރު، ލުއި ލޯނު ހޯދުމަށް މިހާތަނަށް އެދިފައިވާ ކަސްޓަމަރުންގެ އަދަދު 40،000 ހާހަށްވުރެ އިތުރުކަމަށެވެ.

ސައީދު ވިދާޅުވީ، ބީއެމްއެލްއިން ދެމުން އަންނަ ޚިދުމަތްތަކުގެ ތެރެއިން ލުއި ލޯނަކީ، ކަސްޓަމަރުންގެ ތަރުހީބު އެންމެބޮޑަށް ލިބެމުން އަންނަ ޚިދުމަތްކަމަށެވެ. ބީއެމްއެލް މެދުވެރިކޮށް ލުއި ލޯނު ނަގާ ކަސްޓަމަރުންގެ އަދަދު އިތުރުވަމުން އަންނައިރު، އަނބުރާ ލޯނު ދައްކާ ރޭޓުވެސް ރަނގަޅުކަމަށް ސައީދު ވިދާޅުވިއެވެ.

ކަސްޓަމަރުންގެ ފަރާތުން ލުއި ލޯނަށް އޮންނަ ޑިމާންޑް އަހަރަކަށްވުރެ އަހަރެއް އިތުރުވަމުން އަންނައިރު، ކަސްޓަމަރުންގެ ހިޔާލުތަކަށް ބަލައި ބީއެމްއެލްއިން ވަނީ ލުއި ލޯނުތަކަށް އެދި ހުށަހެޅުމުގެ އުސޫލުތައްވެސް ފަސޭހަކޮށްފައެވެ. ބީއެމްއެލްގެ ސީނިއާ މެނޭޖަރ ރީޓެއިލް ބޭންކިންގ ބަދުރުއްދީން ހަސަން ވިދާޅުވީ، ލުއި ލޯނަށް އެދި ހުށަހެޅުމުގައި އަލަށް އެކުލަވާލި ފަސޭހަ އުސޫލުތަކާއިއެކު ކުރިއަށްއޮތްތަނުގައި ބީއެމްއެލްގެ ކަސްތަމަރުންނަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނޭކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްއިން އިއްޔެ ވަނީ އެ ބޭންކުން ދޫކުރާ ޕާސަނަލް ލޯނުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން ބީއެމްއެލްއިން ވަނީ ލުއި ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އަދަދު 300،000 ރުފިޔާއަށް އިތުރުކޮށް ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު 5 އަހަރަށް އިތުރުކޮށްފައެވެ.
މީގެ އިތުރުން ބީއެމްއެލްއިން ވަނީ ކުރިން ދޫކުރަމުން އަންނަ 15،000 ރުފިޔާގެ ލޯނު 25،000 ރުފިޔާއަށް އިތުރުކޮށް، ލައިފް ސްޓައިލް ލޯނުގެ އަދަދުވެސް 1.5 މިލިއަން ރުފިޔާއަށް އިތުރުކޮށްފައެވެ.