ޚަބަރު

މަޖިލީހުގެ 10 ދާއިރާއަކަށް ވާދަކުރަން އެމްޑީޕީން ހުށަހެޅި ފޯމް ބަލައި ނުގަންނަން ނިންމައިފި


ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ހުށަހެޅި 86 ފޯމްގެ ތެރެއިން 10 ފޯމެއް ބަލައިނުގަންނަން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީން ހުށަހެޅި ބައެއް ފޯމްތައް ބަލައި ނުގަތީ، ފުރިހަމަ ކުރަން ޖެހޭ ބައެއް މަޢުލޫމާތު ފުރިހަމަ ނުވާތީ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮންދާއިރާތަކެއްކަމެއް އީސީން ހާމައެއް ނުކުރައްވައެވެ.

އެޕްރީލް މަހުގެ 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން 86 ދާއިރާއަކަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވީ މިދިޔަ ބުދަ ދުވަހުއެވެ.

އިންތިޚާބު ތަކާ ގުޅޭ ޤާނޫނުގައި ބުނެފައި ވަނީ މަޖިލިސް އިންތިޚާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ފޯމް އީސީއަށް ހުށަހަޅާތާ 48 ގަޑިއިރު ތެރޭގައި އެ ފޯމްގެ ސައްހަކަން ކަށަވަރުކުރުމާއެކު އެފަރާތަށް އެކަން އަންގަންޖެހޭނެ ކަމަށެވެ.

މަޖިލިސް އިންތިޚާބުގައި 86 ދާއިރާއަކަށް ވާދަކުރުމަށް އެމްޑީޕީން ހުށަހެޅި ފޯމްތަކުގެ ތެރެއިން 10 ދާއިރާއެއްގެ ފޯމް ބަލައި ނުގަންނަން އީސީން ނިންމި ނަމަވެސް އަނެއް 76 ފޯމް ބަލައިގަތުމަށްފަހު އެ ކެނޑިޑޭޓުންނަށް މިހާރު އަންގާފައިވާ ކަމަށް އީސީން ވިދާޅުވެއެވެ.

އެޕްރީލް މަހުގެ 6ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު އީސީން ވަނީ ހުޅުވާލާފައެވެ. އެމްޑީޕީ ފިޔަވާ އަދި އެއްވެސް ޕާޓީއަކުން މަޖިލިސް އިންތިޚާބުގައި ވާދަ ކުރުމަށް އީސީއަށް ފޯމް ހުށަހަޅާފައެއް ނުވެއެވެ.