ސިޔާސީ

ކުރީގެ ރައީސުންނަށް އިނާޔަތްދިނުމުގެ ބިލުގެ އިސްލާހު ބަލައިގެންފި


ރައީސުލްޖުމްހޫރިއްޔާކަން
ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނަށް
އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. 

މިބިލް މަޖިލީހަށް ހުށައަޅުއްވާފައިވަނީ ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އެމްޑީއޭގެ
މެމްބަރު މުޙައްމަދު އިސްމާއިލެވެ. އެބިލު މަޖިލީހުން ބަލައިގަތުމަށް ފެނިވަޑައިގަންނަވާކަމަށް
ތިރީސް އަށް މެމްބަރަކު ވޯޓްދެއްވިއެވެ. ބަލައިގަންނަން
ފެނިވަޑައިނުގަންނަވާކަމަށް އެގާރަ މެންބަރުން ވޯޓް ދެއްވާފައިވެއެވެ. 

މުހައްމަދު
އިސްމާއިލް ހުށައަޅުއްވާފައިވާ ބިލްގައިވާ ގޮތުން
ޓެރަރިޒަމްގެ އަމަލެއް ކުރުން ނުވަތަ އެފަދަ ޖަމާއަތެއްގައި ބައިވެރިވުމާއި
އެކަމަށް ގޮވާލުމުގެ އިތުރުން އެފަދަ ކަމަކަށް ހިތްވަރުދީފިނަމަ، އެގާނޫނުގެ
ދަށުން ލިބިދެވޭ އެންމެހާ އިނާޔަތްތަކާއި ރައްކާތެރިކަމުން އެމީހަކު މަހުރޫމްވާނެއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރެއްވި ބޭފުޅެއްގެ މައްޗަށް ޖިނާއީ
ކުށެއް ސާބިތުވެއްޖެނަމަ އެފަދަ ކުށެއް ސާބިތުވާ ދުވަހުން ފެށިގެން ދިހަ އަހަރު
ދުވަހުގެ މުއްދަތަށް އެއްވެސް އިނާޔަތެއް ނުހިގާނެއެވެ. 

މީގެއިތުރުން މަގާމުން
އިސްތިއުފާ ދެއްވުމަށްފަހު ރައީސް ކަން ކުރެއްވި ބޭފުޅަކު ޖިނާއީ ކުށެއް ކުރިކަން
ޝަރީއަތަށް ސާބިތުވެއްޖެނަމަ، އެކުށް ސާބިތުވީ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހަށް
އިނާޔަތްތައް ހިފެހެއްޓޭނެއެވެ. އަދި އެބިލްގައިވާގޮތުން ހިމާޔަތާއި ރައްކާތެރިކަން ނުލިބޭނެ ހާލަތްތަކުގެ
ތެރޭގައި، ގާނޫނާއި ޤާވާއިދާ ޚިލާފު އަމަލެއް ކުރުމާއި، ޤާނޫނާއި ގަވާއިދާ ޚިލާފު
އަމަލެއް ކުރުމުގައި ބައިވެރިވުން ނުވަތަ އެފަދަ ކަމަކަށް ހިތްވަރު ދިނުންވެސް
ހިމެނެއެވެ.