ޚަބަރު

ކުރީގެ ޗީފް އޮފް ސްޓާފް މުޞްތަފާގެ ބަންދަށް 10 ދުވަސް


ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި މުލީއާގޭ ޗީފް އޮފް ސްޓާފްގެ މަޤާމުގައި ހުންނެވި އަޙްމަދު މުޞްތަފާ މުޙައްމަދުގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން އިއްޔެގެ ވަގުތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުންނެވެ.

ފުލުހުން ވިދާޅުވީ މުޞްތަފާ ހައްޔަރުކުރީ ފަތުރުވެރިކަމަށް ރަށެއް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ހިފުމާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ތުހުމަތުގައެވެ. މީގެއިތުރުން އެ މައްސަލައިގައި ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރުމާއި ހެކިންނަށް ބިރު ދައްކަމުންދާ ކަމުގެ ތުހުމަތުވެސް މުޞްތަފާގެ މައްޗަށް ކުރެއެވެ.

ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން މުޞްތަފާ ހައްޔަރުކޮށްފައިވާއިރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކު ބޭނުން ކުރެއްވުމަށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި އަގު ބޮޑު ކާރެއް މުޞްތަފާގެ ނަން މައްޗަށް ރަޖިސްޓްރީ ކުރި މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ވަނީ ތަޙުޤީޤު ކޮށްފައެވެ.