ޚަބަރު

ސޫރިޔާގައި ތިބި އައި.އެސްގެ އެންމެ ފަހު ހަނގުރާމަވެރިންނާ ދެކޮޅަށް އޮޕަރޭޝަން ފައްޓައިފި


ސޫރިޔާގައި އައި.އެސްއާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ސީރިއަން ޑިމޮކްރެޓިކް ފޯސަސްއިން އެ ޤައުމުގެ އިރުމަތީގައި ތިބި އައި.އެސްގެ އެންމެ ފަހު ހަނގުރާމަވެރިންނާ ދެކޮޅަށް އެންމެ ފަހުގެ އޮޕަރޭޝަންތައް ފަށައިފިއެވެ.

ސޫރިޔާގެ އިރުމަތީގައި އައި.އެސްގެ ބެލުމުގެ ދަށުގައި އެންމެ ފަހުން އޮތް ސަރަހައްދަކީ ސޫރިޔާ އާއި އިރާޤުގެ ކައިރީގައި އޮންނަ ސަރަހައްދެއް ކަމަށް ސޫރިޔާގެ ހަނގުރާމަވެރި ޖަމާޢަތްތަކުން ބުނެއެވެ. އައި.އެސްއާ ދެކޮޅަށް ހިންގާ މި އޮޕަރޭޝަނަކީ މިފަދަ އެންމެ ފަހު އޮޕަރޭޝަނަށް ހަދާނެ ކަމަށާއި، މި ސަރަހައްދުގައި ތިބި އައި.އެސް ހަނގުރާމަވެރިން ދާދި އަވަހަށް އެ ތަނުން ފައްސާލާނެކަމަށް ސީރިއަން ޑިމޮކްރެޓިކް ފޯސަސް އެސް.ޑީ.އެފުން ވަނީ ބުނެފައެވެ.

އެ ޖަމާޢަތުން ބުނެފައިވަނީ ވޭތުވެދިޔަ ދިހަ ދުވަހުގެ ތެރޭގައި އެސް.ޑީ.އެފުން ވަނީ އައި.އެސްގެ އަތްދަށުގައި އޮތް ސަރަހައްދުގައި ތިބި ޢާއްމުން އެ ތަނުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތްތައްކޮށްފައި ކަމަށާއި، މި ގޮތުން އެ ސަރަހައްދުން ވިހި ހާހަށް ވުރެ ގިނަ ޢާއްމުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާކަމަށެވެ.

ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން އައި.އެސްއާ ދެކޮޅަށް އެންމެ ފަހު އޮޕަރޭޝަން ފަށާފައިވާކަން އިޢުލާންކޮށްފައި މިވަނީ މި ހަފުތާގައި ސޫރިޔާގެ ހުރިހާ ސަރަހައްދަކުން އައ.އެސް ނައްތާލެވޭނެކަމުގެ އުއްމީދު އޮތްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުސްވި ހަފުތާގައި ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.