ޚަބަރު

އެފްރިކާގައި ހިޖުރަކުރާ ކުޑަކުދިންނަށް ބައިނަލްއަޤްވާމީ އެހީތެރިކަމަށް ބޭނުންވޭ: ޔުނިސެފް


އަމިއްލަ ވަޒަން ދޫކޮށް އެއްތަނުން އަނެއް ތަނަށް ހިޖުރަކުރަން މަޖުބޫރުވެފައިވާ އެފްރިކާގެ އެކެއް ޕޮއިންޓް ތިނެއް މިލިއަން ކުޑަކުދިންނަށް ސަރަޙައްދީ ބާރުތަކުގެ އިތުރުން ބައިނަލްއަޤުވާމީ ފަރާތްތަކުންވެސް އެހީތެރިވާންޖެހޭކަމަށް އދގެ ކުޑަކުދިންގެ އިދާރާ، ޔުނިސެފުން ބުނެފިއެވެ.

އިތިއޯޕިއާގެ ވެރިރަށް އަޑިސް އަބާބާގައި ފެށުމަށް ހަމަޖެހިފައިވާ އެފްރިކަން ޔޫނިއަންގެ ސަމިޓުގެ ކުރިން ޔުނިސެފުން ބުނެފައިވަނީ އެފްރިކާ ބައްރުގައި އެއް ޤައުމުން އަނެއް ޤައުމަށް ހިޖުރަކުރުމަށް އާއިލާތަކާއި ކުޑަކުދިންނަށް މަޖުބޫރުވާ މައްސަލައަށް ދާއިމި ހައްލެއް ހޯދުމަށް ސަރަހައްދުން ގުޅިގެން މަސައްކަތްކުރަން ޖެހޭކަމަށެވެ.

އަދި މިހާރު އެފްރިކާ ބައްރުގެ އެކި ސަރަހައްދުތަކުގައި އަމިއްލަ ވަޒަން ދޫކޮށް އުޅެމުންދާ އެތައް މިލިއަން ކުޑަކުދިންގެ ބޭނުންތައް ދެނެގަނެ، އެ ކުދިންނަށް އެހީވުމަށް އެފްރިކާ ބައްރުގެ ޤައުމުތަކުން މިހާރަށްވުރެ ގިނަ މަސައްކަތްތައް ކުރަންޖެހޭ ކަމަށްވެސް ޔުނިސެފުން ބުންޏެވެ. ޔުނިސެފުން ބުނެފައިވަނީ އެފްރިކާގައި އުޅެމުންދާ ހައެއް ޕޮއިންޓް އަށް މިލިއަން ރެފިއުޖީންގެ ތެރެއިން ފަންސާސް އަށް އިންސައްތަ ރެފިއުޖީންނަކީ ކުޑަކުދިން ކަމަށެވެ.

ރެފިއުޖީންގެ ގޮތުގައި އުޅެމުންދާ ކުޑަކުދިންނަށް އެހީވުމުގެ އިތުރުން އެފްރިކާ ބައްރުގައި އެހާ ގިނަ ޢަދަދެއްގެ ރައްޔިތުން ހާލުގައި ޖެހުމަށް މެދުވެރިވާ ސަބަބުތައް ދެނެގަނެ، އެކަންކަމާއިމެދު ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވެސް ޔުނިސެފުން ވަނީ އެފްރިކަން ޔޫނިއަން އަށް ގޮވާލާފައެވެ.