ކުޅިވަރު

މެސީ އެއްކޮށް ފިޓް ނޫންނަމަ، ބޭނުން ނުކުރާނަން - ވަލްވާޑޭ


އެޓްލެޓިކް ބިލްބާއޯ އާއި ދެކޮޅަށް ކުޅޭ މެޗުގައި، މެސީ އެއްކޮށް ފިޓު ނޫންނަމަ ބޭނުން ނުކުރާނެ ކަމަށާއި، ކޮޕަ ޑެލްރޭ ސެމީފައިނަލް ކުރިއަށް އޮއްވައި ރިސްކެއް ނަގަން ބޭނުން ނޫންކަމަށް ބާސެލޯނާގެ ކޯޗް އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ.

ލީގުގައި ބިލްބާއޯ އާއި ދެކޮޅަށް ބާސާއިން ނިކުންނަ މެޗުގެ ކުރިން ބާސާގެ ކޯޗް ވަލްވާޑެ ބުނީ، މެސީ އަދިވެސް އަނިޔާއިން އެއްކޮށް ރަނގަޅު ނުވާ ކަމަށާއި، މެޗުގެ ކުރިން އޭނާ އެއްކޮށް ފިޓު ނުވާނަމަ ކުޅުވަން ބޭނުން ނުވާކަމަށެވެ. ނަމަވެސް ބިލްބާއޯ އާއި ދެކޮޅަށް އެޓީމުގެ އަމިއްލަ ދަނޑުގައި ކުޅޭ އެއްވެސް މެޗެއް ފަސޭހަ ނުވާނެ ކަމަށާއި، އެހެންކަމުން މެސީ ނެތުމަކީ ޓީމުގެ ކުޅުމަށް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރާނެ ކަމެއް ކަމަށް ވަލްވާޑޭބުންޏެވެ.

ވަލްވާޑެ ބުނީ، ކޮޕަ ޑެލްރޭގެ ސެމީފައިނަލުގެ ދެވަނަ ލެގުގައި ރެއާލް އާއި ދެކޮޅަށް ނިކުންނަން ޖެހެނީވެސް ރެއާލްގެ ދަނޑުގައި ކަމަށާއި، އެ ޕްރެޝަރު އޮއްވައި އިތުރު ރިސްކެއް އޭނާ ނަގަން ބޭނުން ނުވާކަމަށެވެ. ނަމަވެސް އަދި މެސީ އާއި ދޭތެރޭ ވަކިގޮތެއް ނުނިންމާ ކަމަށާއި، އެންމެ ފަހު ވަގުތުކަމަށް އޭނާ ބުންޏެވެ.

ވަލްވާޑެ ބުނީ އޭނާ އަބަދުވެސް ފުރަތަމަ އެގާރައަށް ކުޅުންތެރިން ނަގާއިރު ކުޅުންތެރިންގެ ފިޓްނަސްއަށް ބަލާ ކަމަށާއި، މެސީ މިހާރު ހުރި ހާތަލުން އޭނާ ފެނުން އެންމެ ގާތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކަމަށެވެ.