ވިޔަފާރި

އަޔާދީ ތަކާފުލްގެ 2017 ވަނަ އަހަރުގެ ފައިދާ ބަހަނީ


އެލައިޑް އިންޝުއަރެންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްގެ "ތަކާފުލް ބައިވެރިންގެ ފަންޑަށް" 2017 ވަނަ އަހަރު ލިބިފައިވާ ފައިދާ ބެހުމަށް ނިންމައިފިއެވެ.

އެލައިޑް އިންޝުއަރެންސް ކުންފުނީގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަޔާދީ ތަކާފުލްގެ މެނޭޖަރ ފާތިމަތު ނިޒްމާ ވިދާޅުވީ، ތަކާފުލް ފަންޑުން ފައިދާ ބެހުމަށް ހަމަޖެހިފައިވަނީ 2017 ވަނަ އަހަރު ތަކާފުލް ޙިދުމަތްތައް ނެގި ކަސްޓަމަރުންގެ ތެރެއިން އެއަހަރު ބަދަލު ހޯދުމަށް އެދިފައިނުވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި ފައިދާގެ ގޮތުގައި ކަސްޓަމަރުންނަށް ފައިސާ ބަހާނީ އެކަސްޓަމަރަކު ދައްކާފައިވާ ޖުމްލަ ފައިސާއަށް ނިސްބަތުން ޖެހޭ އަދަދުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

2017 ވަނަ އަހަރު އަޔާދި ތަކާފުލްގެ ޚިދުމަތްތައް ހޯދި ފަރާތްތަކަށް ލިބޭ ފައިސާގެ މިންވަރު އެލައިޑްގެ "އޭޖެންޓް 1600" މެދުވެރިކޮށް ފޭސް ބުކް، މެސެންޖަރ، ޓެލެގްރާމް، އަދި ވައިބަރ މެދުވެރިކޮށް ހޯދޭނެއެވެ. އަދި ހިލޭ ގުޅޭ ނަންބަރު 1600 މެދުވެރިކޮށް ފައިދާގެ ގޮތުގައި ލިބޭ މިންވަރު ބަލާލެވޭނެކަމަށް އަޔާދީ ތަކާފުލްއިން ބުނެއެވެ.

އަޔާދީ ތަކާފުލްއިން ބުނީ ތަކާފުލް ބައިވެރިން ފައިދާ ހޯދުމަށްޓަކައި، 31 މަރޗްއާއި ނިޔަލަށް އަޔާދީ ކަސްޓަމަރ ފްރޮންޓް އޮފީހުން އަދި އޮންލައިންކޮށް ވެސް ފޯމް ހުށަހެޅޭނެކަމަށެވެ.
އެލައިޑް އިންޝުއަރެންސް ކުންފުނީގެ ގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއަކީ އިސްލާމީ ޝަރީއަތްތަކާއި އުސޫލުތަކުގެ މަތިން އިންޝުއަރެންސްގެ ޙިދުމަތްދޭ ކުންފުންޏެކެވެ. އަޔާދީ ތަކާފުލްގެ ޙިދުމަތްތަކުގެ ތެރޭގައި ކާރިޘާ ތަކާފުލް، ހޯމް ތަކާފުލް، ޗައިލްޑް އެޑިއުކޭޝަން ތަކާފުލް، ޙައްޖު އަދި ޢުމްރާ ތަކާފުލް ފަދަ ޙިދުމަތްތައް ހިމެނެއެވެ.