ޚަބަރު

މާލެއެކޭ އެއް އަގެއްގައި އަތޮޅުގެ ރަށްތަކުގައި ކާޑުގެ ބާވަތްތައް ވިއްކަނީ


އޭޕްރިލްމަހުން ފެށިގެން މާލެއެކޭ އެއް އަގެއްގައި އަތޮޅުތެރޭގައި ކާޑުގެ ބާވަތްތައް ވިއްކަން ފަށާނޭކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.
އެސްޓީއޯއިން ކާޑުގެ ބާވަތްތަކުގެ އަގުތަކަށް ގެނައުމަށް ނިންމާފައިވާ ހެޔޮ ބަދަލުތަކާއި ބެހޭގޮތުން މިއަދު ނޫސްވެރިންނާއި ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ، އޭޕްރިލްމަހުގެ 1 ވަނަ ދުވަހުން ފެށިގެން މާލެއެކޭ އެއް އަގެއްގައި އަތޮޅުގެ ރަށްތަކުގައި ކާޑުގެ ބާވަތްތައް ވިއްކުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށެވެ.

މިގޮތުން އަތޮޅުތެރޭގައި ކާޑުގެ ބާވަތްތައް ވިއްކާނީ އޭޖެންޓުން ކަނޑައަޅައިގެން ކަމަށާއި، އޭޖެންޓަކަށް ވުމުގެ ފުރުސަތު މާދަމައިން ފެށިގެން ހުޅުވާލާނޭކަމަށް އަމްރު ވިދާޅުވިއެވެ. އޭޖެންޓުންނަށް ވާން ބޭނުންވާ ފަރާތްތަކަށް އެކަމާއި ގުޅޭ ފޯމު މާދަމައިން ފެށިގެން ރަށްރަށުގައި ހުންނަ އެސްޓީއޯގެ ބޭސް ފިހާރައިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކަނޑައެޅިފައިވާ އަގުގައި އަތޮޅުތެރޭގައި ކާޑުގެ ބާވަތްތައް ވިއްކުމުގައި މަޖޫރީންގެ ފީ އާއި ރަށްރަށަށް ގެންދާ ކާޑުގެ ބާވަތްތަކުގެ ނާލަށް ވާ ފައިސާގެ ކަންކަންވެސް ހަމަޖައްސާނީ އެސްޓީއޯއިންނެވެ.

މާލެއެކޭ އެއް އަގެއްގައި އަތޮޅުގެ ރަށްތަކުގައި ކާޑުގެ ބާވަތްތައް ވިއްކުމަށް ނިންމާފައިވަނީ:
ހަނޑޫ ބަސްތާއެއް 240 ރުފިޔާ / ކިލޯއެއް 4.80 ރުފިޔާ
ހަކުރު ބަސްތާއެއް 241 ރުފިޔާ / ކިލޯއެއް 4.82 ރުފިޔާ
ފުށް ބަސްތާއެއް 190 ރުފިޔާ / ކިލޯއެއް 3.80 ރުފިޔާ

އަތޮޅުގެ ރަށްތަކުގައި ކާޑުގެ ބާވަތްތައް މާލެއެކޭ އެއް އަގެއްގައި ވިއްކުމަށް ދާނޭ ޚަރަދު ދެނެގަނެފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯއިން ބުނީ ކާޑުގެ ބާވަތްތައް ހެޔޮކުރުމަކީ ރައީސް ޞާލިޙްގެ ސަރުކާރުން ހާއްސަ އިސްކަމެއްދެއްވާ ކަމެއްކަމަށެވެ.