ވިޔަފާރި

ބީއެމްއެލް އިން ލުއި ލޯނު ދޫކުރާ އަދަދު 300،000 ރުފިޔާއަށް އިތުރުކޮށްފި


ބޭންކް އޮފް މޯލްޑިވްސްއިން ލުއި ލޯނު ދޫކުރާ އަދަދު ތިން ލައްކައަށް އިތުރުކޮށްފިއެވެ
ބީއެމްއެލްއިން އިން ދޫކުރާ ޕަރސަނަލް ލޯނުތަކަށް ގެނައި ބަދަލުތަކާއި ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފު ވިދާޅުވީ، އެ ބޭންކުން ދޫކުރަމުން އަންނަ ޕާސަނަލް ލޯނުތަކަށް ކަސްޓަމަރުން ބޭނުންވާފަދަ ބަދަލުތަކެއް ގެނެސްފައިވާނޭކަމަށެވެ.

މިގޮތުން ބީއެމްއެލްއިން ދޫކުރަމުން އަންނަ ލުއި ލޯނުގެ އަދަދު މިހާރު 300،000 ރުފިޔާ އާއި ހަމަޔަށް އިތުރުކޮށްފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. ރަހުނަކާއި ނުލައި ދޫކުރާ މި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ވަނީ ކަނޑައެޅިފައެވެ. ލުއި ލޯނަކީ ޤަވާއިދުން އެކައުންޓަށް މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށް ބީއެމްއެލްއިން ދޫކުރާ ލޯނެކެވެ.

ޝަރީފް ވިދާޅުވީ، ބީއެމްއެލްއިން ދޫކުރަމުން އަންނަ 15،000 ރުފިޔާގެ ލޯނަށްވެސް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. މިގޮތުން 15،000 ރުފިޔާގެ ލޯނު މިހާރު 25،000 ރުފިޔާއަށް އިތުރުކޮށް މި ލޯނުވެސް ރަހުނު ނުބަހައްޓައި ނެގޭނޭކަމަށް ޝަރީފް ވިދާޅުވިއެވެ. ބީއެމްއެލްއިން ވަނީ އެ ބޭންކުން ދޫކުރަމުން އަންނަ ލަފްސްޓައިލް ލޯނުގެ އަދަދުވެސް 1.5 މިލިއަން ރުފިޔާއަށް އިތުރުކޮށްފައެވެ.

މީގެ އިތުރުން ކިޔަވާ ލޯނަށް އެދި ހުށަހެޅުމުގައި ދިމާވާ ދަތިތައް ފަސޭހަކުރުމުގެ ގޮތުންނާއި ދަރިވަރުންގެ ކިޔެވުމަށް ކުރާ ހޭދަ ބެލުމަށްޓަކައި ބޭންކުން ގެންދާ ޕްރޮސެސްއަށްވެސް ހެޔޮ ބަދަލުތަކެއް މިހާރު ގެނެސްފައިވާނޭކަމަށް ދިވެހި ޤައުމީ ބޭންކުން ބުނެއެވެ.