ވިޔަފާރި

ރާއްޖޭގެ ތަރައްޤީގައި އެސްބީއައިގެ ޙިއްސާބޮޑު - ރައީސް


ރާއްޖޭގެ ތަރައްޤީގައި ސްޓޭޓް ބެންކް އޮފް އިންޑިއާ ގެ ޙިއްސާބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ސްޓޭޓް ބެންކް އޮފް އިންޑިއާ، އެސްބީއައި އިން ރާއްޖޭގައި ޙިދުމަތްދޭންފެށިތާ 45 އަހަރު ފުރުމުގެ ގޮތުން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޙާއްސަ ހަފްލާއެއްގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާހިޙް ވިދާޅުވީ، އެސްބީއައިއަކީ ރާއްޖޭގައި ޙިދުމަތްދޭން ފެށި ފުރަތަމަ ބެންކުކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ތަރައްޤީގެ ހުރިހާ ސިނާއަތެއްގައި އެސްބީއައިގެ ހިއްސާބޮޑުކަން ފާހަގަކުރައްވާފައެވެ. ޙާއްސަކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެސްބީއައިގެ ޙިއްސާބޮޑުކަން ރައީސް ފާހަގަކުރެއްވިއެވެ. އެސް.ބީ.އައި އިން މިހާ ދިގު މުއްދަތެއްގައި ޚިދުމަތް ދިނުމުގައި ދެމިއޮތުމަކީ ރާއްޖެއާއި އިންޑިއާ އާއި ދެމެދު އުފެދިފައިވާ ޒަމާންވީ ގާތް ގުޅުމުގެ ވަރުގަދަ ރަމްޒެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްބީއައި މޯލްޑިވްސްގެ ކަންޓްރީ ހެޑް އަދި ސީއީއޯ އަމިތޭސް މޯހަން ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި އެސްބީއައިގެ ހިއްސާއެއް އޮތުމުން އުފާކުރާކަމަށެވެ. އެސްބީއައި ވެގެންގޮސްފައިވަނީ ދުނިޔޭގެ އެހެން ޤައުމުތަކާއި ރާއްޖެއާއި ގުޅުވައިދިން ބައިވެރިއެއްގެ ގޮތުގައި ކަމަށް ދިނޭޝް ކުމާރު ކާރާ ވަނީ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫއްޔާގެ ނައިބު ފައިސަލް ނަސީމާއި، ރައްޔިތުން މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމާއި، އެމްއެމްއޭގެ ޤަވަރުނަރު އަޙްމަދު ނަސީރާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއާއި، އެސްބީއައިގެ އިސްބޭފުޅުން ވަނީ ބައިވެރިވެފައެވެ.
މި ހަފްލާގައި އެސްބީއައިގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ހަނދާނީ ފިލައެއް އަރުވާފައެވެ.
މީގެ އިތުރުން އެސްބީއައިގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ވަނީ ސްކޯޕިއޯ ބްރޭންޑްގެ އަގުބޮޑު ވެހިކަލެއް ހަދިޔާކޮށްފައެވެ.

މި ހަފްލާގައި އެސްބީއައިއަށް ގިނަދުވަހު ޙިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ވަނީ ހަނދާނީ ފިލާ ދީފައެވެ.
އެސްބީއައި އިން ރާއްޖޭގައި ޙިދުމަތްދޭން ފަށާފައިވަނީ 4 ފެބްރުއަރީ 1974 ވަނަ އަހަރުއެވެ. އެސްބީއައިގެ ޙިދުމަތް އެންމެ ފުރަތަމަ ދޭންފެށީ 6 މުވައްޒަފުންނާއިއެކު ހަމައެކަނި މާލޭ ސިޓީގައެވެ. ނަމަވެސް 45 އަހަރު ވީއިރު އެސްބީއައިގެ މުވައްޒަފުންގެ އަދަދު 92 އަކަށް އިތުރުކޮށް މާލޭ ސިޓީ ހިމެނޭގޮތުން ރާއްޖޭގެ 4 ސަރަހައްދެއްގައި އެ ބެންކުގެ ޙިދުމަތް އަންނަނީ ދެމުންނެވެ. އެއީ އައްޑޫސިޓީއާއި، މާމިގިނލީގެ އިތުރުން ހުޅުމާލެއެވެ.