ޚަބަރު

ފަންނާނުންގެ ހުނަރު ތަރައްޤީ ކުރުމަށް އިތުރު ފުރުޞަތު ހުޅުވާލަންޖެހޭ - ޔުމްނާ


އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ރާއްޖޭގެ އާރޓިސްޓުންނާއި ފަންނާނުންގެ ހުނަރު ތަރައްޤީކުރުމަށް އިތުރު ފުރުޞަތުތަށް ހުޅުވާލަދޭން ޖެހޭކަމަށް މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ ހެރިޓޭޖް ޔުމްނާ މަޢުމޫނު ވިދާޅުވެއްޖެއެެވެ.

މިނިސްޓަރ ޔުމްނާ މިހެން ވިދާޅުވީ، ރާއްޖޭގެ އާރޓިސްޓެއް ކަމަށްވާ އަޙުމަދު ބަދީޢު ގެ ކުރެހުންތަށް ދައްކާލުމަށް ހުޅުމާލޭ ބްރެޑް މެޓަރސް ގްރީންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

''ވީވާލް '' ގެ ނަމުގައި ބޭއްވި މިފޮޓޯ މަޢުރުޒު ހުޅުވައްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޔުމްނާ މަޢުމޫނު ވިދާޅުވީ، އާރޓިސްޓުންނާއި ފަންނުވެރިންގެ ހުނަރު ތަރައްޤީކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ފަންނާނުންނާއި އާރޓިސްޓުންނަށް މިފަދަ ފުރުޞަތު ހުޅުވާލަދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.
އާރޓިސްޓު އަޙުމަދު ބަދީޢުގެ މިފޮޓޯ މައުރަޒުގައި ބައިވެރިކޮށްފައިވަނީ މީހާގެ ވަކި ސިފައެއް ސިފަވާ ގޮތަށް މީހުންގެ ސޫރައިގެ ކުރެހުމެވެ. އެގޮތުން މިމައުރަޒުގައި 74 ކުރެހުން އޭނާ ވަނީ ބައިވެރިކޮށްފައިވެއެވެ.