ވިޔަފާރި

ސްވިމް މޯލްޑިވްސް ބާ ބީއާރް ކްރޯލް 2019 ކާމިޔާބުކަމާއިއެކު ނިންމާލައިފި


ރާއްޖެއަށް ރީތިނަން ހޯދައިދިނުމަށް ބޭނުންވާ ކޮންމެ ދިވެހި ރައްޔިތަކަށްވެސް އެ ފުރުސަތު އޮންނާނޭކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަލީ ވަހީދު މިހެން ވިދާޅުވެފައިވަނީ، ސްވިމް މޯލްޑިވްސް ބާ ބީއާރް ކްރޯލް 2019ގެ ދިގު ފެތުމުގެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައެވެ.
ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ މިފަދަ އިވެންޓްތަކުން ރާއްޖެ ޕްރޮމޯޓް ކުރުމަށް ޒުވާނުން ކުރަމުންގެންދާ މަސައްކަތް ވަރަށް ބޮޑަށް ބަލައިގަންނަކަމަށާއި ރާއްޖެ އިސްތިހާރުކުރުމުގެ ހިޔާލެއް އޮތްނަމަ، އެ ހިޔާލެއް ޓޫރިޒަމް މިނިސްޓްރީން ބަލައިގަންނާނޭކަމަށެވެ.

ފެތުމުގެ އިވެންޓްތަކުންވެސް ރާއްޖެ ޕްރޮމޯޓް ކުރެވިދާނެކަމަށާއި މިފަދަ އިވެންޓްތަށް ކުރިއަށް ގެންދިއުމަށް ޓުއަރިޒަމް މިނިސްޓްރީން ވަރަށް ބޮޑަށް ބާރުއަޅާކަމަށްވެސް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ. އަދި މިފަދަ ކަންކަން ކުރިއަށްގެންދިއުމަށް މި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދޭނޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސްވިމް މޯލްޑިވްސް ބާ ބީއާރް ކްރޯލް ކުރިއަށް ގެންގޮސްފައިވަނި މަޝްހޫރު ގާނޫނީ ވަކީލް، އަދި ދުވުންތެރިޔާ، ހުސައިން ޝަމީމް އިސްވެ ހިންގާ ސްވިމް މޯލްޑިވްސްގެ ފަރާތުންނެވެ. ޝަމީމްގެ އިތުރުން ސްވިޑެންގެ އޯޕަން ވޯޓާ ފެޑެރޭޝަންގެ ހެޑް ކޯޗް، މީކޭލް ރޮސިއެން އާއި ރާއްޖޭގެ މަޝްހޫރު އަންހެން ފެތުންތެރިޔާ އަޒްކާ އާދިލާއި ދުވުންތެރިޔާ އާތިފް އަހުމަދާ އެކު އިތުރު ހަތަރު ދިވެހިން މިފެތުމުގައި ބައިވެރިވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު އޭދަފުށިން ފެށި މި ހަރަކާތުގެ ބައިވެރިން މީހުން ދިރިއުޅޭ 22 ރަށަށް ގޮސްފައިވަނީ ފަތާފައެވެ. އިވެންޓްގައި ބައިވެރިވި، ފެތުންތެރިން ވަނީ، ރަށްރަށުގެ ކުޑަ ކުދިންނާއި އަންހެނުންނަށް ފަތަން ދަސްކޮށްދިނުމުގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުމާ ގުޅޭގޮތުން ވަނީ މައުލޫމާތުދީފައެވެ.