ވިޔަފާރި

މޯލްޑިވްސް ލިވިން އެކްސްޕޯ ދަރުބާރުގޭގައި ފަށައިފި


ހަތްވަނަ މޯލްޑިވްސް ލިވިންގ އެކްސްޕޯ މިއަދު ދަރުބާރުގޭގައި ފަށައިފިއެވެ. ލިވިން އެކްސްޕޯ ހުޅުވައިދެއްވީ ހައުސިންގ މިނިސްޓަރު އާއިމިނަތު އާތިފާއެވެ.
ރާއްޖޭގެ އަމިއްލަ ޕީއާރު އެންޑް މާރކެޓިން ކުންފުންޏެއްކަމަށްވާ ހައިރައިޒްއިން އިންތިޒާމްކުރާ މިއެކްސްޕޯ ކުރިޔަށްދަނީ ދަރުބާރު ގޭގައެވެ. މިފަހަރުގެ ލިވިން އެކްސްޕޯގައި ރާއްޖެއިން ބޭރުގެ ރިއަލް އެސްޓޭޓް ވިޔަފާރީގައި ހަރަކާތްތެރިވާ 30 ކުންފުންނަކުން ބައިވެރިވެއެވެ.

މިއަހަރުގެ ލިވިންގ އެކްސްޕޯ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު މެންދުރުފަހު ދޭކުން ހަވީރު ހަޔަކަށް އަދި ރޭގަނޑު އަށަކުން އެގާރަ އަށެވެ.

ހައިރައިޒްއިން ބުނީ މޯލްޑިވްސް ލިވިން އެކްސްޕޯގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޤާއިމްކޮށް ބިނާކުރެވެމުންދާ ރިއަލްއެސްޓޭޓް ވިޔަފާރީގެ އެންމެ ފަހުގެ އުފެއްދުންތަކުގެ ހިއްސާކުރުންކަމަށެވެ. އަދި ގެދޮރަށް ބޭނުންވާ އެންމެ ފަހުގެ ފަރުނީޗަރާއި، ޓެކްނޮލޮޖީ އަދި އެހެނިހެން ހިފާ ގެންގުޅޭ ސާމާނު މައުލޫމާތު ފޯރުކޮށްދިނުންކަމަށެވެ.

ލިވިންގ އެކްސްޕޯއަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ރިއަލް އެސްޓޭޓް ޚިދުމަތްދޭ ބޮޑެތި ކުންފުނިތައް އެއްތަނަކަށް ގެނެސް މިދާއިރާގައި ހުރި ފުރުޞަތުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ. މި އަހަރުގެ ލިވިންގ އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އެލައިޑް އިންޝުއަރެންސްއެވެ.