ވިޔަފާރި

ޖީއެމް ފޯރަމްގެ ސިލްވަރ ސްޕޮންސަރަކަށް ސިންގަޕޫރުގެ ކުންފުންޏެއް ހަމަޖައްސައިފި


ހޮޓެލިއަރ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ޖެނަރަލް މެނޭޖަރ ފޯރަމްގެ ސިލްވަރ ސްޕޮންސަރަކަށް ސިންގަޕޫރުގެ "އެފް ވަން ރިކްރިއޭޝަން" ކުންފުނި ހަމަޖައްސައިފިއެވެ.

2006 ވަނަ އަހަރު އުފެދިގެން އައި އެފް ވަން ރިކްރިއޭޝަން ކުންފުންޏަކީ ކަސްރަތުކުރުމުގައި ބޭނުންވާ ތަފާތު ސާމާނުތައް ދުނިޔޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދޭ ސިންގަޕޫރުގެ މަޝްހޫރު ކުންފުންޏެކެވެ.
އޭޝިއާގެ ގިނަ ޤައުމުތަކަށް އެފް ވަން ރިކްރިއޭޝަން ކުންފުނީގެ ތަފާތު ބްރޭންޑްތައް ޑިސްޓްރިބިއުޓް ކުރާއިރު މިކުންފުނިން އަންނަނީ ރާއްޖެއާއިއެކު ވެސް
ވިޔަފާރި ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ރިސޯޓުތަކަށް ފިޓްނަސް ސާމާނާއި ޖިމްގެ ޚިދުމަތްތަކާއި ޓެކްނިކަލް ޚިދުމަތްތައް ފޯރުކޮށްދެމުންދާތާ ގިނަ އަހަރުތަކެއް ވެފައިވާކަމަށް ހޮޓެލިއަރ މޯލްޑިވްސްއިން ބުނެއެވެ.

ޖީއެމް ފޯރަމްގެ ސިލްވަރ ސްޕޮންސަރަކަށް އެފް ވަން ރިކްރިއޭޝަން ހަމަޖައްސާފައިވާއިރު، މި ފޯރަމްގެ ސިލްވަރ ޕާޓްނަރަކަށް ވަނީ ދިވެހި އިންޝުއަރެންސް ހަމަޖައްސާފައެވެ. ދިވެހި އިންޝުއަރެންސް ކުންފުންޏަކީ ރާއްޖޭގައި އިންޝުއަރެންސްގެ ޚިދުމަތްދޭން ފެށި އަމިއްލަ ދެވަނަ ކުންފުންޏެވެ.

ޖީއެމް ފޯރަމަކީ ރާއްޖޭގެ ރިސޯޓުތަކުގައި ޖެނެރަލް މެނޭޖަރުންގެ މަޤާމުގައި އެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އެއް ދުވަހުގެ ފޯރަމެކެވެ. މިއަހަރުގެ ޖީއެމް ފޯރަމް، އޭޕްރިލް މަހުގެ 3 ވަނަ ދުވަހު، ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މިމަހުގެ ނިޔަލަށް މި ފޯރަމްގައި ރަޖިސްޓަރވުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ.

ހޮޓެލިއަރ މޯލްޑިވްސްއިން ބުނީ، މި ފޯރަމްގެ މަޤްޞަދަކީ ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުން އެއް ތަނަކުން ބައްދަލުވެ، ފަތުރުވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް އެކަންކަމަށް ޙައްލު ހޯދުން ކަމަށެވެ. އަދި މި ފޯރަމްގައި، ފަތުރުވެރިކަމުގެ ސިނާޢަތާއި ގުޅުންހުރި މުހިއްމު މައުޟޫތަކަށް އަލިއަޅުވާލައި، މަޝްވަރާތައް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.