ވިޔަފާރި

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކުރާނަން - ސަރުކާރު


ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ކުރިއެރުމަށް އަދުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ބޮޑެތި ކުންފުނިތަކުން ކަންމަތީ ވިޔަފާރިތަކަށް ވަންނަ ވަނުން ހުއްޓުވުމަށް ރައީސް ޞާލިޙްގެ ސަރުކާރުން ވަނީ އަމާޒްތަކެއް ހިފާފައެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާކޮށް، އެފަދަ ކުންފުނިތަށް އިތުރަށް ހަރުދަނާ ކުރުމަށް މި ސަރުކާރުގެ ފުރަތަމަ ސަތޭކަހަ ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. މިގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އުފައްދާ އެސްއެމްއީ ބޭންކުގެ ޚިދުމަތް ދޭންފެށުމާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކުރުމުގެ ގޮތުން ހާއްސަ އުސޫލެއް އެކުލަވާލެވާލުންވެސް އެއީ ސަރުކާރުން ސަތޭކަ ދުވަހުގެ ތެރޭގައި ކުރުމަށް ވައުދުވެފައިވާ ކަންތައްތަކެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ޤައުމުގެ އިޤްތިޞާދީ ސިޔާސަތައް އިޝާރާތްކުރައްވާ، ސަރުކާރުން އިޤްތިސާދު ކުރިއެރުވުމަށް ރޭވިފައިވާ ބައެއް ކަންތައްތަކުގެ މައްޗަށް އަލުއަޅުއްވާލައްވާފައެވެ.

މިގޮތުން އިޤްތިޞާދީ ސިޔާސަތުގެ ތެރެއިން އިޞްލާޙުކުރަންޖެހޭ ގިނަ ކަންތައްތަކެއް ސަރުކާރަށް ފާހަގަ ކުރެވިފައިވާކަމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ސަރުކާރުގެ ކުންފުނިތައް ވަދެ، އާންމުންގެ ވިޔަފާރިތައް ކުރިއަށްދިއުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"
ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ދޯދިޔާވެ، ކޯޕަރޭޓް ގަވަރނަންސްގެ އުޞޫލުތަކާ ޚިލާފުވުމުގެ ސަބަބުން، ގިނަ ކުންފުނިތައް ހުރީ ވަރަށް ބޮޑެތި އިޞްލާޙުތަކަށް ބޭނުންވެފައި. އަތްނުފޯރާވަރަށް ޚަރަދުތައް މައްޗަށް ގޮސް، އިންތިހާއަށް ދަރަނި އިތުރުވެ، މަޝްރޫޢުތައް ހުއްޓި، ކުންފުނިތަކުގެ މާލީ ޙާލަތާއި ޚިދުމަތްތަކުގެ ފެންވަރު ވަރަށް ބޮޑަށް ވަނީ ދަށްވެފައި. މި ސަރުކާރުގެ ވިސްނުމަކީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ސަރުކާރުގެ ކުންފުނިތައް ނުވަދެ، އެކުންފުނިތަކަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ، އަދި ބޮޑެތި މަޝްރޫޢުތައް ހިންގާ ކުންފުނިތަކަކަށް ހެދުން. އަދި މިދެންނެވި ވިސްނުމުގެ ތެރެއިން ކުންފުނިތައް ރީސްޓްރަކްޗަރ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެން މިއަންނަނީ ކުރަމުން.
ރައީސް ޞާލިޙް

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކޮޅަށްޖަހައިދިނުމަށް، ސަރުކާރުން ވަނީ މިދިޔަ މަހު އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނެއް ޤާއިމްކޮށްފައެވެ. މިގޮތުން އަންނަ މަހުން ފެށިގެން އެސްއެމްއީ ލޯން ދޫކުރަން ފަށަން ނިންމާފައިވާއިރު، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނަށް މި އަހަރުގެ ތެރޭގައި ލައިސަންސް ލިބި، ބޭންކަކަށް ބަދަލުވެގެން ދާނޭކަމަށް ސަރުކާރުން ބުނެއެވެ.

އެސްއެމްއީތަކަށް އޮތް ފުރުސަތުތަށް ފަހިކޮށްދިނުމަށްޓަކާ ސަރުކާރުން ވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް، އަމިއްލަ ފަރާތްތަކުން ރާވައި، ސަރުކާރަށް ހުށަހަޅައިގެން ހިންގުމުގެ ނިޒާމެއް ޤާއިމްކޮށްފައެވެ. މީގެ އިތުރުން ޓެކްސްގެ ނިޒާމަކީ ވިޔަފާރިތައް ކުރިއަރުވަން ބާރުއަޅާ ނިޒާމެއްގެ ގޮތުގައި ބައްޓަން ކުރުމަށް، ޓެކްސް ނެގުމުގެ ނިޒާމު ރިފޯމްކުރުމަށްވެސް ވަނީ ނިންމާފައެވެ.