ސިޔާސީ

ނާޒިމްގެ މައްޗަށް ކުރި ދައުވާ ބަދަލުކޮށް އަލުން ހުށައަޅައިފި


ކުރީގެ ޑިފެންސް މިނިސްޓާރ މުހައްމަދު ނާޒިމްގެ މައްޗަށް ދައުލަތުން ކުރި ދައުވާ ބަދަލްކޮށް އަލުން ހުށައަޅައިފިއެވެ.ނާޒިމްގެ މައްޗަށް ކުރިން ކުރި ހަނގުރާމަވެރި ހަތިޔާރެއް ގެންގުޅުމުގެ ކުށުގެ ދައުވާއަށް ދައުލަތުން ބަދަލް ގެނައީ އެ ދައުވާއަށް ހަވާލާދީފައި ގާނޫނީ މާއްދާތަކާއި ގުޅުމެއްނެތްކަމަށް ބުނެ ނާޒިމްގެ ގާނޫނީ ޓީމުން އެކަން މިއަދު ބޭއްވި ޝަރީއަތުގެ މަޖްލީހުގައި ފާހަގަކުރުމުންނެވެ.ނާޒިމްގެ މައްޗަށް ދައުލަތުން ކުރި ދައުވާ އިސްލާހްކޮށް އަލުން ހުށައަޅާފައިވަނީ ހަނގުރާމަވެރި ހަތިޔާރެއް ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާއަށްވެސް ނާޒިމް މިއަދު ވަނީ އިންކާރްކުރައްވާފައެވެ.މިއަދުގެ އަޑުއެހުމުގައި ކޯޓުން ބޭރު ޖާގައިގެ ގޮތުން ބޮޑު ތަނެއްގައި މައްސަލަ ބާއްވާދިނުމަށް ނާޒިމްގެ ގާނޫނީ ޓީމުން އެދިފައިވެއެވެ.  އެހެންނަމަވެސް މައްސަލަ ބައްލަވާ ބެންޗުން ވިދާޅުވީ މިހާރުވެސް މައްސަލަ ދަނީ ހުޅުވާލައިގެން އާއްމުންނަށާއި މީޑިއާތަކަށް ވަދެވޭގޮތަށްކަމުން ތަން ބަދަލް ކުރަން ނުޖެހޭކަމަށެވެ.މީގެއިތުރުން ނާޒިމްގެ ގެ ބަލާފާސްކުރުމަށް ނެރުނު އަމުރު ސައްހަ ނޫންކަމަށް ބުނެ އެ އަމުރާއި މެދު ގޮތެއް ނިންމާދިނުމަށްވެސް ނާޒިމްގެ ގާނޫނީ ޓީމުން އެދިފައިވެއެވެ. އެ ނުކުތާއަށް ޖަވާބްދާރީވަމުން މައްސަލަ ބައްލަވާ ބެންޗުން ވިދާޅުވީ އެ މައްސަލައިގައި ހައިކޯޓުން ގޮތެއް ނިންމާފައިވާތީ އެ މައްސަލައިގައި ދެން ވާހަކަ ނުދެއްކޭނެކަމަށެވެ.ނާޒިމްގެ ގެ ބަލާ ފާސްކުރުމަށް ނެރުނު އަމުރު ހައިކޯޓްގައި ނާޒިމްގެ ގާނޫނީ ޓީމުން މީގެ ކުރިން  އިސްތިއުނާފް ކުރި ނަމަވެސް އެކޯޓުން ގޮތެއް ނިންމާފައެއް ނުވެއެވެ. ހައިކޯޓްގެ ހުކުމްގައި ބުނެފައިވަނީ އެ މައްސަލައިގައި ކުރިމިނަލްކޯޓުން ގޮތެއް ކަނޑައެޅިދާނެކަމަށެވެ.މިއަދުގެ އަޑުއެހުން ނިންމާލާފައިވަނީ މައްސަލައަށް ޖަވާބްދާރީވުމަށް ފުރުސަތެއް ދިނުމަށް ނާޒިމްގެ ގާނޫނީ ޓީމުން އެދުމުން އެކަމަށް ތިންދުވަހުގެ ފުރުސަތެއް ދިނުމަށްފަހުގައެވެ.