ޚަބަރު

ސްރީލަންކާގައި މަރުގެ އަދަބު ތަންފީޒުކުރަން ނިންމައިފި


ސްރީލަންކާގައި މަރުގެ އަދަބު ތަންފީޒުކުރުމަށް ނިންމައި އެކަން ޢާއްމުކޮށް އިޢުލާންކޮށްފިއެވެ. އެކަން އިއުލާންކުރެއްވީ ސްރީލަންކާގެ ރައީސް މައިތުރިޕަލަ ސިރިސޭނާއެވެ.

މަރުގެ އަދަބު ނުދީ ކޮންޓްރޯލް ނުކުރެވޭނެ މިންވަރަށް ސްރީލަންކާގައި ކުށްކުރާ މިންވަރު އިތުރުވަމުންދާކަމަށާއި، މަސްތުވާތަކެތީގެ ވިޔަފާރިއަކީ މަރުގެ އަދަބު ދީގެން މެނުވީ ކޮންޓްރޯލް ނުކުރެވޭނެ ޖަރީމާއެއްކަމަށްވާތީ އެ ޖަރީމާ ހިންގާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް މިހާރު ނިންމާފައިވާކަމަށް، ސިރިސޭނާ ވިދާޅުވިއެވެ.

ސްރީލަންކާގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ 1977 ވަނަ އަހަރު އޭރުގެ ބޮޑުވަޒީރު ސްރީމާވޯ ބަންޑާރަނައިކެގެ ވެރިކަމުގައެވެ. އޭގެ 42 އަހަރު ފަހުން ސްރީލަންކާގައި މަރުގެ އަދަބު ތަންފީޒުކުރުމަށް ނިންމާފައި މިވަނީ، ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ބޮޑެތި ކުށްކުރުން އިތުރުވަމުންދާތީކަމަށް ސިރިސޭނާ ވިދާޅުވިއެވެ.

ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން ސިރިސޭނާ ވިދާޅުވީ، މަރުގެ އަދަބު ފުރަތަމަ ތަންފީޒުކުރާނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ކުށް ސާބުތުވެގެން މަރުގެ އަދަބު ދިނުމަށް ހުކުމްކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ. އެ ގޮތުން އެ ކުށް ސާބިތުވެފައިވާ މީހުންގެ ތެރެއިން ފުރަތަމަ މީހާގެ މައްޗަށް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި މަރުގެ އަދަބު ތަންފީޒުކުރެވޭނެކަމަށް ސިރިސޭނާ ވިދާޅުވެފައިވެއެވެ.

ސްރީލަންކާގައި މަރުގެ އަދަބު ތަންފީޒުކުރުމަށް ނިންމާފައިވާ މައްސަލައިގައި ވިލާތުގެ ޤައުމުތަކާއި އިންސާނީ ޙައްޤުތަކުގެ ނަމުގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތަކުގެ ފިއްތުންތައް އެ ޤައުމަށް ދަނީ ވަރަށް ބޮޑަށް އަމާޒުވަމުންނެވެ. އެހެންނަމަވެސް ސިރިސޭނާގެ ސަރުކާރު އޮތީ މި މައްސަލައިގައި އެ ފަރާތްތަކަށް ދޫދޭ ގޮތަކަށް ނޫނެވެ.