ކުޅިވަރު

މެލޭޝިޔާ މުބާރާތުން ރަންވަނަ ހޯދި ބޮޑީބޯޑިންގ ޓީމް މާލެއަތުވެއްޖެ


ޓިއޯމެން ސާރފް ފެސްޓިވަލްގައި ހޯދި ކާމިޔާބީ އާއެކު ރާއްޖޭގެ ރާޅާ އެޅުންތެރިން އެނބުރި ރާއްޖެ އަތުވެއްޖެއެވެ.

މެލޭޝިއާގައި ކުރިއަށްދިޔަ މި މުބާރާތް ނިންމާލުމަށްފަހު ރާޅާއެޅުންތެރިން ރާއްޖެ އައުމުން، ރާޅާއެޅުންތެރިންނަށް މަރުހަބާ ވިދާޅުވީ ރާއްޖޭގެ ކުޅިވަރާބެހޭ ވަޒީރު އަޙުމަދު މަހުލޫފެވެ. މިނިސްޓާރ މަހުލޫފް ވަނީ ރާޅާއެޅުންތެރިންނަށް މަރުހަބާ ވިދާޅުވުމަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގައި، ރާޅާއެޅުންތެރިންނާއި އެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.

މިއަހަރުގެ ޓިއޯމެން ސާރފް ފެސްޓިވަލްގެ ބޮޑީބޯޑިން ކެޓެގަރީއިން ރާއްޖޭގެ އަލީ ޚުޝްރުވާން އަޙުމަދު (ކުޑަ އައްޔަ) އެއްވަނަ ހޯދިއިރު، އަލީ ޖާވީދް (ޖާއްޓެ) ވަނީ ދެވަނަ ހޯދާފައެވެ. މިއީ ޓިއޯމެން ސާރފް ފެސްޓިވަލްއިން ރާއްޖޭގެ ރާޅާއެޅުންތެރިން ކާމިޔާބީ ހޯދި ހަތަރުވަނަ ފަހަރެވެ.

ރާއްޖެ އައުމަށްފަހު ވާހަކަ ދައްކަމުން އަލީ ޚުޝްރުވާން ބުނީ، ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ބައިވެރިވި ފުރަތަމަ އިންޓަނޭޝަނަލް މުބާރާތުން އެއްވަނަ ލިބުމުން ވަރަށް އުފާވާ ކަމަށާއި، މިފަދަ ކާމިޔާބީއެއް ހޯދާ ކޮންމެ ފަހަރަކުވެސް، އެކަން މަދު ބަޔަކުނަމަވެސް ބަލައިގަންނާތީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭކަމަށެވެ. އަދި މިހާރުގެ ސަރުކާރުން ރާޅާއެޅުންތެރިންނާއި ބަހައްޓަވާ ގާތްކަމަށް އައްޔަ ވަނީ ޝުކުރު އަދާކޮށްފައެވެ.

"ދެ އަހަރަށްފަހު މުބާރާތެއްގައި މިއެޅީ، ފުރަތަމަ އެހާ ކޮންފިޑެންސްއެއް ނެތް، ފަހުން ކޮންފިޑެންސް އައިއިސި މަޑުމަޑުން" ކުޑަ އައްޔަ ބުންޏެވެ.

މުބާރާތުގެ ބޮޑީބޯޑިން ކެޓަގަރީއިން ދެވަނަ ހޯދީ އަލީ ޖާވީދް ބުނީ، ރާއްޖޭގައި ހުނަރުވެރި ޒުވާން ބޮޑީބޯޑަރުން މިހާރުވެސް އުފެދެމުން އަންނަ ކަމަށާއި، ރާޅާއެޅުންތެރިންނަށް ސަރުކާރުންވެސް އަދި ކަމާއިބެހޭ އެހެން ފަރާތްތަކުންވެސް، ފަހި ފުރުސަތުތަށް ތަނަވަސް ކޮށްދޭނަމަ، ބޮޑީބޯޑިންގައި ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ވާދަކޮއްލެވޭނެ ގައުމަކަށް ވާނެ ކަމަށެވެ.