ޔަހޫދީން އީރާނަށް ނިރުބަވެރި ޙަމަލާތައް ދޭން ފަށާފައިވަނީ، އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފައްދަން ބޭނުންވާކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ޔަހޫދީންގެ ގާތު ރަޝިޔާއިން ތަކުރާރުކޮށް ބުނަމުންދަނިކޮށް ކަމަށް، ރަޝިޔާގެ ރައީސް ވްލެޑިމީރް ޕޫޓިން ވިދާޅުވެއްޖެއެވެ.
"ރަޝިޔާގެ އިތުރުން އައިއޭއީއޭ (އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ) އަށް ވެސް އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް ތައްޔާރުވަމުންދާ ކަމުގެ އެއްވެސް ހެއްކެއް ދުވަހަކުވެސް ލިބިފައެއް ނުވޭ. އެ ވާހަކަ އަޅުގަނޑުމެން ތަކުރާރުކޮށް އިސްރާއީލުގެ ވެރިންގެ ސަމާލުކަމަށް ގެންނަމުން ދިޔައީ،" ޕޫޓިން އާ ޙަވާލާދީ ސްކައި ނިއުސް އަރަބިއްޔާއިން ބުނެފައިވެއެވެ.
މަދަނީ ބޭނުމަށް ނިއުކްލިޔަރ ހަކަތަ އުފެއްދުމަކީ އީރާނަށް ވެސް ލިބިގެންވާ ޙައްޤެއް ކަމަށް ޤަބޫލުކުރައްވާ ކަމަށާއި، އެކަމަށް ރަޝިޔާއިން ފުރިހަމައަށް އެހީތެރިވެދޭން ތައްޔާރަށް އޮތް ކަމަށް ވެސް ޕޫޓިން އެ ނޫހަށް ވިދާޅުވިއެވެ. ޕޫޓީން ވިދާޅުވި ގޮތުގައި، އީރާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގެ ލޭއޮހުރުވުން ހުއްޓުވަން ރަޝިޔާއިން ދެ ފަރާތަށް ވެސް ޚިޔާލުތަކެއް ވަނީ ހުށަހަޅައިފައެވެ. ނަމަވެސް، އެކަމުގެ ތަފްޞީލެއް ޕޫޓިން ދެއްވާފައެއް ނުވެއެވެ.
ޖޫން 13ވަނަ ދުވަހު އިސްވެ އީރާނަށް ޙަމަލާ ދޭން ފަށާފައި ވަނީ ޔަހޫދީންނެވެ. އީރާނުން ވެސް ދަނީ ނުރައްކާތެރި ބެލިސްޓިކް މިސައިލްތަކާއި އަސްކަރީ ޑްރޯން ފަދަ ހަތިޔާރު ބޭނުން ކޮށްގެން ޔަހޫދީންނަށް ރައްދު ދެމުންނެވެ.
ޔަހޫދީން އީރާނަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 722އަށް ވަނީ އުފުލިފައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 2,546އަށް އުފުލިފައެވެ.
އީރާނުން ވެސް ރައްދުގައި ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް އަމާޒުކޮށް، ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ. އީރާނުގެ ޙަމަލާތަކުގައި ޔަހޫދީންގެ 24 މީހުން މަރައިލައި، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައިވެއެވެ.